ޢިބްރަތްތެރި ވާހަކަ: ކެންސަރުޖެހުމުންވެސް އެންމެ ފަހުވަޤުތާހަމައަށްވެސް ކުރިންސުރެ ބަލަމުން އައި ނުކުޅެދުންތެރި ކޮއްކޮ ބަލަން ނިންމި އަންހެނަކަށް ފަރުވާއަކާ ނުލާ ޝިފާ ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ޢިބްރަތްތެރި ވާހަކަ: ކެންސަރުޖެހުމުންވެސް އެންމެ ފަހުވަޤުތާހަމައަށްވެސް ކުރިންސުރެ ބަލަމުން އައި ނުކުޅެދުންތެރި ކޮއްކޮ ބަލަން ނިންމި އަންހެނަކަށް ފަރުވާއަކާ ނުލާ ޝިފާ ލިބުނު ގޮތުގެ ވާހަކަ-

މިއީ ކޮންމެ މީހަކުވެސް ވިސްނައިލުން ވަރަށް މުހިންމު ޙާދިސާއެކެވެ. ކޮންމެ މީހަކީވެސް މިއަންހެންމީހާފަދަ އަންހެނަކަށްވުމަށް މަސައްކަތްކުރަމާ ހިނގާށެވެ! އެކަމުން ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. މިދުނިޔޭގައި އެކަން ނުފެނުނަސް އާޚިރަތް ދުވަހު ތިމާއަށް އެކަމުން އުފާވެރިކަން ލިބޭނެކަން ޔަޤީނެވެ. އިން ޝާ ﷲ  

އަޅުގަނޑަކީ ޢުމުރުން 16 އަހަރުން ދަށުގެ އަމިއްލަ 6 ދަރިން ބަލަމުން އައި މަންމައަކީމެވެ. އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ހުންނަނީ އެންމެ ފިރިހެނެކެވެ. ދޮންބެ އެކަންޏެވެ. އޭނާއަށް ނުކުޅެދުންތެރިކަންހުރި އަންހެން ކުއްޖަކު ލިބި ކުއްޖާގެ ޢުމުރުން 3 އަހަރުގައި ފަހަރި ނިޔާވުމުން އެކުއްޖާ ބަލަންވެސް ޙަވާލުވީމެވެ. އަމިއްލައަށް އެދިގެންނެވެ.  

ވީހާ ރަނގަޅަކަށް ކުއްޖާ ބަލަހައްޓަމުން ދަނިކޮށް 2 އަހަރެއްހައި ދުވަސްވީފަހުން އަޅުގަނޑުގެ ފުއްޕާމެއަށް ގޮތްތަކެއްވެ ނޭވާލާން އުނދަގޫވާން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ޑޮކްޓަރު ބުނީ އަޅުގަނޑުގެ ފުއްޕާމެއަށް ކެންސަރު ޖެހިފައިވާ ކަމުގެ ޢަލާމާތްތަކެއް ފެންނަން އެބަހުރި ކަމަށެވެ. 4 ޑޮކްޓަރުންނަށް ދެއްކުމުންވެސް ބުނީ އެއްގޮތަކަށެވެ.  

އަޅުގަނޑުގެ އަމިއްލަ 6 ދަރިން ތިބިއިރުވެސް ބޮޑަށް ކަންބޮޑުވެވުނީ ދޮންބެގެ ދަރިފުޅާއިމެދުގައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށްވުމުން އަޅުގަނޑު ބަލަހައްޓާ ގޮތަށް އެހެން މީހަކު އެކަންކޮށްނުދީފާނެތީއެވެ.  

ވީދެރައިން ވަރަށް ގިނައިން ދުޢާކުރެވުނެވެ. ބަލިން ޝިފާ ލިބިއްޖެނަމަ ދުނިޔޭގައި ހުރެވުނުހައި ދުވަހަކު އެކުއްޖާ ވީހާ ރަނގަޅަކަށް ބަލަހައްޓަން ނިޔަތްގަތީމެވެ. އަޅުގަނޑު ބަލިވުމުން ދަރިފުޅު ގެންދަން ދޮންބެ ބޭނުންވިއެވެ. ނަމަވެސް އަޅުގަނޑު ބުނީ އެކަންކުރާނީ އެނދުމަތިވެ ނުތެދުވެވިއްޖެނަމަ ކަމަށެވެ.  

އެންމެފަހުން ޑޮކްޓަރުން ރޭޑިއޭޝަން ދޭން ނިންމައި ދުވަސްވެސް ކަނޑައެޅިއެވެ. އެކަމަކު ބުނަންތޯއެވެ؟ ފަރުވާ ހޯދަން ދިއުމުގެ 2 ދުވަސްކުރިން ލުއިވާން ފަށައިފިއެވެ. ނޭވާލާން ފަސޭހަވާން ފަށައިފިއެވެ. ފަރުވާ ހޯދަން ދާން އޮތް ދުވަހު ގޮސް އެވާހަކަ ބުނުމުން އަލުން ޓެސްޓްތައް ހެދިއެވެ. ނަތީޖާ ލިބުމުން ޓެސްޓް ތަކުރާރުކުރިއެވެ. އެގޮތަށް 3 ފަހަރު ތަކުރާރުކުރުމަށްފަހު ޑޮކްޓަރުންގެ ޓީމަކުން ބަލާފައި ބުނީ މިހާރު އެފަދަ އެއްވެސް ޢަލާމާތެއްވެސް ފެންނަން ނެތް ކަމަށާއި ކުރިން ލިބުނު ނަތީޖާގެ ޞައްޙަކަމަށްވެސް ޝައްކުނުކުރާ ކަމަށެވެ. އެކަންވީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ޙައިރާން ކަމަކަށެވެ. ކޮންމެއަކަސް މަޑުމަޑުން ޝިފާލިބެމުން އައިސް މަހެއްހައި ދުވަސްވީއިރު އެއްވެސް އުނދަގުލެއް ނެތެވެ. ކުރިއެކޭ ހަމަ އެއްގޮތެވެ.  

މިކަން މިގޮތަށް ދިމާވި ސަބަބު ބުނާކަށް އަޅުގަނޑަކަށް ނުއެނގެއެވެ. އެދުވަސްވަރު ފެނުނު ހުވަފެންތަކަށާއި ކުރެވުނު އިޙްޞާޞްތަކަށް ބުރަވެހުރެ ބުނެވެން އޮތީ އެސަބަބަކީ ކޮއްކޮ ދޫކޮށްނުލައި ބަލަން އަޅުގަނޑު ނިންމި ނިންމުން ކަމަށެވެ. މިއީ އަޅުގަނޑަށް ވިސްނޭ ގޮތެވެ!  

ދެން ބުނެލަން ބޭނުންވަނީ ކޮއްކައަށްވެސް މިހާރު އެކަނި އުޅެލެވޭ ކަމަށެވެ. ކުރިން އަބަދު ތަންމަތީގައި ބާއްވައިގެން، ނުވަތަ އުފުލައި ގެންގުޅެންޖެހުނު ކޮއްކޮއަށް މިހާރު ހިނގައި އުޅެވޭކަމަށެވެ. އަމިއްލައަށް ފެންވަރާލައި ކައިބޮއިހެދޭކަމަށެވެ. ނަމަވެސް އަދިވެސް ވާހަކަދައްކަން އުނދަގޫކަމެއް ހުރެއެވެ.

މިވާހަކަ ސޯޝަލް މީޑިއާއިން ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވި ސަބަބަކީ ވާހަކައިން ލިބޭ ޢިބްރަތް އަޅުގަނޑަށް ބޮޑުކަމުންނެވެ. މިހާރު ގިނަ މައިންބަފައިންނަށްވެސް އެއުޅެނީ ނުކުޅެދުންތެރިކަން ހުންނަ ދަރިއަކު ލިބުމުން ބަލަން ތަކްލީފަކަށްވެގެންނެވެ. ފަރުވާތެރިނުވެވިގެންނެވެ. ދޭންޖެހޭ ސަމާލުކަން ނުދެވިގެންނެވެ.  

އެއަންހެންމީހާ އޭނާގެ ކޮއްކޮއަކަށް ސަމާލުކަންދިން މިންވަރު ވެގެން އެދިއައީ އޭނާއަށް ޖެހުނު އެބޮޑު ބަލިން ޝިފާލިބުނު ސަބަބަށެވެ. މިބާވަތުގެ ކަންކަމުން ޢިބްރަތް ޙާޞިލުކުރުން ކީއްތޯއެވެ؟

 

- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން