ދައުލަތުގެ ބޭސް ކުންފުނީގެ "ސްޓޭޓް ފާރމަރ ޕޯޓަލް" އާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭހަށް އެދެވޭނެ: ޑރ. ޝާހު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދައުލަތުގެ ބޭސް ކުންފުނީގެ "ސްޓޭޓް ފާރމަރ ޕޯޓަލް" އާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭހަށް އެދެވޭނެ: ޑރ. ޝާހު

ދައުލަތުގެ ބޭސް ކުންފުނިން އަލަށް ތައާރަފްކުރާ "ސްޓޭޓް ފާރމަރ ޕޯޓަލް" އާއެކު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ބޭނުންވާ ބޭހަކަށް އެދިލެއްވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

މިއީ ރައްޔިތުންނަށް ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރާ ނިޒާމެކެވެ.

ބޭނުންވާ ޒަރޫރީ ބޭސް ނުލިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށްވާއިރު، ޚާއްޞަކޮށް ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސް ލިބުމުގައި ހުރި ދަތިތަކާއި އެކަމަށް ހޭދަވާ ގިނަ ދުވަސްތަކަކީ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ތަކުލީފެކެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ ބޭހުގެ މައްސަލަ ހައްލުކުރުމަށް ޚާއްޞަ ކުންފުންޏެއް އުފައްދާފައެވެ.

ޑރ. ޝާހު މާހިރު ވިދާޅުވީ، ކުރެވުނު ދިރާސާތަކުން ރައްޔިތުންނަށް ބޭސް ނުލިބި ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ރައްޔިތުންގެ ޝަކުވާތައް އެންމެ އެދެވޭ ގޮތެއްގައި ބެލޭނެ ނިޒާމެއް ގާއިމްވެފައި ނެތުމުން، އެ ކުންފުނިން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ޝަކުވާތައް އަޑުއަހައި ކަންކަން ހައްލުކުރުމަށް ޚާއްޞަ ކޯލް ސެންޓަރެއް ގާއިމްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން ދައުލަތުގެ ބޭސް ކުންފުނިން މިހާރު ވަނީ 1505 ނަންބަރުގެ ހޮޓްލައިނެއް ތައާރަފްކޮށްފައެވެ. "މިއީ 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ތައާރަފް ކޮށްފައިވާ ޚިދުމަތެއް،" ޑރ. ޝާހު ވިދާޅުވިއެވެ. މި ނަންބަރު މެދުވެރިކޮށް ބޭސް ހޯދުމާއި އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ކޯލް ސެންޓަރަށް ގުޅައިގެން ނުލިބޭ ބޭސްތަކާއި ރާއްޖެއިން ބޭރުން ގެންނަން ބޭނުންވާ ބޭހުގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. ކޯލް ސެންޓަރުގެ އިތުރުން، ބޭހުގެ ކަންކަމަށް ޚާއްޞަ ކުރެވިފައިވާ ޕޯޓަލް އިފްތިތާޙު ކުރުމުގެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މިއަދު އޮންލައިން