ޕާލް ރެސިޑެންސީ ވިސާ ތައާރަފްކުރުމަށް ބިލެއް އެކުލަވާލައި މަޖިލީހަށް ފޮނުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޕާލް ރެސިޑެންސީ ވިސާ ތައާރަފްކުރުމަށް ބިލެއް އެކުލަވާލައި މަޖިލީހަށް ފޮނުވަނީ

ރާއްޖޭގައި 'ޕާލް ރެސިޑެންސީ ވިސާ' ތައާރަފްކުރުމަށްޓަކައި ޚާއްސަ ބިލެއް އެކުލަވާލައި، އެ ބިލް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ވިސާ ތައާރަފްކުރުމުގެ މަސައްކަތް މިހާރު ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ.

ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެންމެ ވަރުގަދަ ސިނާއަތަކީ ފަތުރުވެރިކަމަށް ވާއިރު، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު މި ސިނާއަތަށް ޒަމާނީ ބަދަލުތައް ގެންނަންޖެހެއެވެ. ރާއްޖޭގެ ފަތުރުވެރިކަން ޒަމާނީ ކުރުމުގައި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެޓާނީ ޖެނެރަލްގެ ލަފާފުޅަކީ މިކަމަށް ވަކި ޚާއްސަ ޤާނޫނެއް ހެދުން ކަމަށެވެ. "އެ ބިލް މިހާރު އެއޮތީ އެޓާނީ ޖެނެރަލް އޮފީހުގައި ޑްރާފްޓް ކުރައްވާފައި. އޭޖީ އޮފީހާއި އަޅުގަނޑުމެންނާއި އެއްކޮށް މިހާރު އެ މަސައްކަތް އެދަނީ ކުރަމުން. ދެން އެ ބިލް ދާނީ ގާނޫނަކަށް ވުމަށްޓަކައި މަޖިލީހަށް،" ވަޒީރު ވިދާޅުވިއެވެ.

މަޖިލީހަށް ބިލް ހުށަހެޅުމުން އެކަމާ ގުޅޭގޮތުން މިނިވަން ބަހުސްތަކެއް ކުރެވި، މަޖިލީހުން ފެންނަ ގޮތެއްގެ މަތިން ބިލް ފާސްކުރެވިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. މިއީ ރާއްޖޭގެ އިންވެސްޓްމަންޓް ދާއިރާއަށް ބޭރުގެ ފަރާތްތަކުންނާއި ދިވެހި ވިޔަފާރިވެރިން ކުރަމުން އައި އުންމީދުތައް ހަޤީގަތަކަށް ވެގެންދާނެ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ޕާލް ރެސިޑެންސީ ވިސާ ތައާރަފްކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން