ރިކޮގްނިޝަން ލިޔުން ހޯދަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ: އެމްކިއުއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރިކޮގްނިޝަން ލިޔުން ހޯދަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ: އެމްކިއުއޭ

ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ހޯދަން ޖެހޭ ރިކޮގްނިޝަން ލިޔުން ހޯދުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި، އެ ލިޔުން ހޯދުމަށް ދަރިވަރުން އަމިއްލައަށް އެދެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ވިދާޅުވެއްޖެއެވެ.

އެމްކިއުއޭއިން ވިދާޅުވީ، ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް ދޫކުރާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ގެ ލިޔެކިޔުންތައް ހޯދައިދިނުމުގެ ނަމުގައި ބައެއް ފަރާތްތަކުން ބޮޑެތި ފީތައް ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ތިންވަނަ ފަރާތްތައް މެދުވެރިކޮށް ޚިދުމަތް ހޯދާ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ހަމަނުޖެހުމާއި، ކުލާސްތަކުގައި ބައިވެރިނުވެވޭ ފަދަ ޝަކުވާތައް ލިބެމުންދާ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.

ސަރުކާރުން މަތީ ތަޢުލީމުގެ ލޯނުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލާފައިވާއިރު، މި ލިޔުމަކީ ކިޔަވަންދާ ދަރިވަރުންނަށް މުހިންމު ލިޔުމެކެވެ. އެމްކިއުއޭއިން ބަޔާންކުރި ގޮތުގައި މި ޚިދުމަތަކީ އެއްވެސް ފީއެއް ނެގުމެއް ނެތި މުޅިން ހިލޭ ދެމުން އަންނަ ޚިދުމަތެކެވެ. އެހެންކަމުން، އެއްވެސް ބަޔަކު މެދުވެރިނުކޮށް ކޮންމެ ދަރިވަރަކަށްވެސް އަމިއްލައަށް މި ލިޔުމަށް އެދި ހުށަހެޅޭނެއެވެ.

މި ލިޔުން ހޯދުމަށް އެދޭ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެމްކިއުއޭއަށް ސީދާ ލިޔެކިޔުންތައް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ. މިއީ ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމަށާއި، އޮޅުވާލުންތަކުން ސަލާމަތްކުރުމަށް އެމްކިއުއޭއިން ދެއްވާފައިވާ އިރުޝާދެކެވެ.

މިއަދު އޮންލައިން