ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން 1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް އެޕްރޫވްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން 1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް އެޕްރޫވްކޮށްފި

ސަރުކާރުން ކުރިއަށްގެންދާ "ހިޔާވެހި ފައިނޭންސިން ސްކީމް" ގެ ދަށުން މިހާތަނަށް 1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް އެޕްރޫވްކޮށްފައިވާކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.

މި ޕްރޮގްރާމްގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް އެދުމުގެ ފުރުޞަތު މިދިޔަ އަހަރުގެ ކުރީކޮޅު ހުޅުވާލާފައިވާއިރު، ލޯނު ލިބުނު ފަރާތްތަކަށް މިދިޔަ ޑިސެންބަރު މަހުން ފެށިގެން އަންނަނީ ފައިސާ ދޫކުރަމުންނެވެ. މި ސްކީމަކީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދެއެވެ.

ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް މައިގަނޑު ތިން ބަޔަކަށް ބެހިގެންވެއެވެ. ފުރަތަމަ ސްކީމަކީ އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ސްކީމެކެވެ. ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) މެދުވެރިކޮށް ދޫކުރާ މި ސްކީމްގެ ދަށުން 1 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭއިރު، އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ.

ދެވަނަ ސްކީމު ޚާއްޞަކޮށްފައިވަނީ ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްރަށަށެވެ. މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތިންވަނަ ސްކީމަކީ މާލެ ސަރަހައްދަށް ޚާއްޞަ ސްކީމެކެވެ. މާލެ ސަރަހައްދުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް މި ސްކީމްގެ ދަށުން 6 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ސްކީމްތަކުގެ ސަބަބުން އަމިއްލަ ބިމުގައި ގެދޮރު އެޅުމަށް ބޭނުންވާ ގިނަ ބަޔަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން