ތ. ގާދިއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވީވަޢުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ގާދިއްފުށީގެ ބިން ހިއްކައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ގާދިއްފުށިން ޖުމްލަ 21 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި އަލަށް ހިއްކާ 11 ހެކްޓަރުގެ ބިން ހިމެނެއެވެ. ބިން ހިއްކުމުގެ މި މަސައްކަތް ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، މި މަޝްރޫޢަށް ޖުމްލަ 110.5 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެއެވެ.
ޓެކްނިކަލް ތަފްސީލްތަކަށް ބަލާއިރު، ބިން ހިއްކުމަށްޓަކައި 390,000 ކޮޑިމީޓަރުގެ ވެލި ބޭނުންކުރާނެއެވެ. އަދި ހިއްކާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން ގޮނޑުދޮށް ރައްކާތެރިކުރުމުގެ ވަރުގަދަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން 100 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރއަކާއި، 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓެއްގެ އިތުރުން 100 މީޓަރުގެ ގްރޮއިންއެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ ގާދިއްފުށީގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ބިމުގެ ދަތިކަމަށް އޮތް ބޮޑު އުންމީދެކެވެ. ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.