އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި އަޅާފައިވާ ތާރުގަނޑު ނަގައި، އެ ސަރަހައްދު އަލުން ތަރައްގީކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ. މި މަސައްކަތަކީ މާލޭގެ މަގުތައް މަރާމާތުކުރުމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫއެކެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ، ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައިގެ ތާރުގަނޑު އުފުލި، މަގު ހަލާކުވުމުގެ ސަބަބުން އެ ސަރަހައްދު ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައިވާ ކަމަށެވެ. މި މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށްޓަކައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއާއެކު މިހާރު މަޝްވަރާކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަމީނީ މަގުގެ މި ބައިގެ މަސައްކަތް އަމަލީ ގޮތުން ފެށޭނެއެވެ. "މިހާރު އެތަނުގައި އޮތް ތާރުގަނޑު ނަގާފައި އަލުން އެތަނުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. ދެން އެއީ މާލޭގައި އަޅުގަނޑުމެން ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތެއް،" ނަޒީމް ވިދާޅުވިއެވެ.
މިފަހަރު މަގު މަރާމާތު ކުރާއިރު ޓެކްނިކަލް ގޮތުން ބަލަންޖެހޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އާރްޑީސީން ބުނެއެވެ. އެގޮތުން، މަސައްކަތުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
އަމީނީ މަގުގެ ސެގްމަންޓް 11 އަދި 12 ގެ މަސައްކަތް ނިންމައި އެންމެ ފުރަތަމަ ހުޅުވާލީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ބައެއް ލޭންތަކުގެ ތާރުގަނޑު މަރާމާތުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.