މާލޭގެ ވަށައިގެންވާ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ މާލޭގެ ބޭރުތޮށި ޒަމާންތަކެއް ވެފައިވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް، އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖަޕާންގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޓޯޔޯ ކޮންސްޓްރަކްޝަން އާއެވެ. މިއީ އޭޝިޔާ ބައްރުގައި ކޮންސްޓްރަކްޝަން ސައިންސާއި ޑިޒާސްޓަރ ރެސިލިއަންސަށް ޚާއްސަ އުފެއްދުންތެރިކަމަށް ނަން މަޝްހޫރު ކުންފުންޏެކެވެ.
ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި ރާޅުގަނޑު ސަރަޙައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާ ހަމައަށްވާ ތޮށިގަނޑު ރީ-ޕްރޮފައިލް ކުރުން ހިމެނެއެވެ. މީގެ އިތުރުން ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދުގެ ތޮށިގަނޑު މިހާރު ހުރި އުސްމިނަށްވުރެ 70 ސެންޓިމީޓަރު އުސްކޮށް ރީ-ޕްރޮފައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ބޭރަށް ޖައްސާފައިވާ ތޮށިގަނޑު މަރާމާތުކޮށް ރީ-ޕްރޮފައިލް ކުރުމާއި، މާލޭގައި ޤާއިމުކޮށްފައިވާ 16 ޕަމްޕް ސްޓޭޝަނެއް މޮނިޓަރ ކުރުމަށް ބޭނުންވާ އާލާތްތައް ހަރުކޮށް، މަރުކަޒީކޮށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މާލޭގެ ބޭރުތޮށި މިހާރު ހުރި ގޮތަށް ބިނާކޮށްފައިވަނީ 4 ފިޔަވައްސަކަށް ބަހާލައިގެން 1988 އިން ފެށިގެން 2002 އާ ހަމައަށެވެ. ޒަމާންތަކެއް ވެފައިވާ މި ތޮށިގަނޑު މަރާމާތުކުރުމަކީ މާލެއަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.