ރާއްޖޭގައި ހުރި ބޭހުގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުގެ ބޭސް ކުންފުނިން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރެވެ.
ޑރ. ޝާހް މާހިރު ވިދާޅުވީ، ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ އާއި އެ ބޭސްތައް ހުރީ ކޮން ތަންތަނެއްގައިތޯ ރައްޔިތުންނަށް އޮޅުންފިލާނެ ފަދަ ވަރުގަދަ އިލެކްޓްރޯނިކް ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެފަދަ ސިސްޓަމެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަންނަން އެބަޖެހޭ ވަރަށް ވަރުގަދަ އިލެކްޓްރޯނިކް ނިޒާމެއް. ޑިޖިޓަލް ނިޒާމެއް ދިވެހިރާއްޖޭގައި ހުރި ބޭސް، ހުރީ ކޮން ބޭހެއްތޯ، ކޮން ތަންތަނެއްގައިތޯ އެބޭސްހުރީ ރައްޔިތުންނަށް އެނގޭ ވަރުގެ ސިސްޓަމެއް އެބަ އަންނަންޖެހޭ. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އެވަރުގެ ސިސްޓަމެއް ޤާއިމުކުރަން،" ޑރ. ޝާހު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމާއި ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ދައުލަތުގެ ބޭސް ކުންފުނި އުފައްދާފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ. މި ކުންފުނިން މިހާރު ވަނީ ބޭސް ގެނައުމަށްޓަކައި ކުރަންޖެހޭ ފުރަތަމަ އޯޑަރުވެސް ފޮނުވާފައެވެ.
މީގެ އިތުރުން، ބޭހާ ގުޅޭގޮތުން ރައްޔިތުންނަށް ހުރި ޝަކުވާތައް ހުށަހެޅުމަށާއި ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށްޓަކައި ޚާއްސަ ހޮޓްލައިނެއްވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ. މި އައު ޑިޖިޓަލް ނިޒާމާއެކު ބޭހުގެ މައުލޫމާތު ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.