ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެ ވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެ ވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މެދުގައި ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެ ވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މިއަދު ދެއްވި ބަޔާނެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިހާބަކީ ރާއްޖޭގެ ތާރީޚުގައި ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލާން ނުކުތް އިންތިހާބު ކަމަށެވެ. އަދި ދެ ވަނަ ބުރަށް ދާންޖެހުނު ދާއިރާތަކުގެ އިންތިހާބީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އިންތިހާބުގެ ދެ ވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިހާބުތައް މި މަހުގެ 18 ވަނަ ދުވަހު، އާދެ އަންނަ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތަކުގެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން،" ޒާހިދު ވިދާޅުވިއެވެ.

މި ފަހަރު ބޭއްވުނު އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިހާބެވެ. މިދިޔަ ހޮނިހިރު ދުވަހު ވަނީ ޖުމްލަ ތިން ވޯޓެއް ކުރިއަށް ގެންގޮސްފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނެގުނު ހިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރުގެ ވޯޓުލުމަށް ބޭނުންވާ އިދާރީ އަދި ފަންނީ އެންމެހައި އިންތިޒާމުތައް ފުރިހަމަކުރަމުންނެވެ.

މިއަދު އޮންލައިން