ތުޅާދޫ އާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތުޅާދޫ އާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ. މި ދެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ބ. ތުޅާދޫ އަދި ތ. ވިލުފުށީގެ ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އިތުރު ކޮށްފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ ސަރުކާރުގެ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގައެވެ. އެ ފުރުޞަތު މިއަދަށް ހަމަވި ނަމަވެސް، ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުން ސަރުކާރުން މިވަނީ މުއްދަތު އިތުރުކޮށްދީފައެވެ.

ތުޅާދޫގެ ހައުސިން ޔުނިޓްތަކަކީ މީގެ ކުރިން ދޫކުރުމުގެ މަސައްކަތް ފަށައި، އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ މަޝްރޫޢުއެކެވެ. ކުރީގެ ސަރުކާރުގައި މި ޔުނިޓްތައް ހަވާލުކުރުމުގެ ޒިންމާ ތުޅާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް، އެކުލަވާލި އުސޫލުތަކާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހެޅި، އެ މަސައްކަތް ވަނީ ގާނޫނީ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުތައް އަވަސްކޮށް، ދެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

މިއަދު އޮންލައިން