މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން، ސެގްމެންޓް 5ގެ މަސައްކަތްތައް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ބާކީ އޮތް ހަތަރު ސެގްމެންޓުގެ ތެރެއިން ފަސްވަނަ ސެގްމެންޓުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މިހާރު ކުރިއަށްދަނީ މަގުގެ ސައިޑްވޯކް ހެދުމުގެ މަސައްކަތްތަކާއި އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަސައްކަތުގެ ދުވެއްޔާ ގުޅޭގޮތުން ޝަރްވަސް ވިދާޅުވީ، "އަޅުގަނޑުމެން ލަފާމިކުރަނީ، އެހެން ސެގްމެންޓުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔަ ގޮތަށް ބާރު ސްޕީޑެއްގައި މިމަހުގެ ނިޔަލަށް އަޅުގަނޑުމެން މި އަމާޒުކުރަނީ ބާސެލޯއިން ފަށައިގެން އެފްއެސްއެމް ބިލްޑިންއާ ހަމައަށް މަސައްކަތް ނިންމަން."
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ ފޭސް 1ގެ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށެވެ. މިއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ގާތްގަނޑަކަށް 700 މީޓަރުގެ ސަރަޙައްދެކެވެ.
މި މަޝްރޫޢަކީ މާލޭގެ ބޮޑުތަކުރުފާނުމަގުގެ ތޮށިގަނޑު މަރާމާތުކޮށް، މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތް ނިމުމުން އެ ސަރަޙައްދުގެ ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.