ފުރަތަމަ މިކިޔައިދެނީ ޙާދިސާއެކެވެ.
އޭނާގެ ފުރަތަމަ ކައިވެނީގައި ލިބުނީ އަންހެން ދަރިއެކެވެ. އެދަރިފުޅުގެ ޢުމުރުން 12 އަހަރުގައި ވަރިކޮށްލާފައި ފިރިމީހާ ދިއުމުން ދެވަނަ ކައިވެނިކުރީ 3 އަހަރުފަހުންނެވެ.
ކައިވެންޏަށް ކުޑަދުވަސްކޮޅެއްވީތަނާ ދޮންބައްޕަ ދަރިފުޅާ ބެހެން ފަށައިފިއެވެ. އެވާހަކަ މަންމަގެ ގާތުގައި ބުނަން އުޅޭއިރަށް އަޑުއަހާނެ ވަޤުތުވާކަމަކަށް ނުވެއެވެ. އޮފީހުން އަންނައިރު ވަރުބަލިވެފައި ހުންނާތީއެވެ. ނޫނީ އެހެން ކޮންމެވެސް ކަމަކަށް ބިޒީވާންޖެހޭތީއެވެ.
އެއްދުވަހު ހަވީރު މަންމަ ގެއަށް އައިތަނުން ކުރިމައްޗަށް އަރާފައި ދަރިފުޅުބުނީ "ބޭބެއަކީ ރަނގަޅު މީހެއް ނޫންކަމަށެވެ. ވަރަށް ބިރުގަންނަންޖެހޭ ކަންކަން އެބްހިނގާ"ކަމަށެވެ. މަންމަގެ ޖަވާބަކަށްވީ ބޭބެ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ. ދަރިފުޅަށް ދެރަވާނެ ކަމެއް ބޭނެ ނުކުރާނެއެވެ."
އެއިގެ 3 މަސްފަހެވެ. ދަރިފުޅު މާގިނައިން ހޮޑުލާތީ ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ބުނީ ބަލިވެއިންކަމަށެވެ. އެކަން އެނގުމުން ގެއަށް އައިސް ވަރަށް ރުޅިގަދަވެފައި ގުޅުންހިންގީ ކާކާތޯ ސުވާލުކުރުމުން ދަރިފުޅު ބުނީ މިހިރަ ބޭބެ ނޫން މީހަކު ގައިގަ ނުބީހޭ ކަމަށެވެ. މިވާހަކަ ކިޔައިދޭން މަސައްކަތްކުރުމުން އަޑުނުއެހީ ނޫންހެއްޔެވެ؟ އަޅުގަނޑަށް ދެރަވާނެކަމެއް ބޭބެ ނުކުރާނެކަމަށް ބުނެ އިތުރަށް އަޑުވެސް ނުއެހީ ނޫންހެއްޔެވެ؟ ދެން މިހާރު ތިއަ ރުޅިއަންނަނީ ކޮންކަމަކަށް ހެއްޔެވެ؟
މަންމައަށް ވިސްނި ހޭލުންތެރިވެވުނީ އެހިސާބުންނެވެ. ވަޤުތުފާއިތުވީފަހުންނެވެ. ފިރިމީހާގެ ގާތުން ވަޤުތުން ވަރިވިއެވެ. 3 ދުވަސްވީއިރުވެސް ލޮލުން ކަރުނަ ނުހިކެއެވެ. އަބަދު ދިއައީ އެކަމުން ދަރިފުޅު ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރަމުންނެވެ. އެދުނު ގޮތަށް އެކަން ނިމިގެންދިއައެވެ. 2 ހަފްތާވެސް އެކަމުން ދަރިފުޅު ޠޯހިރުވިއެވެ. ދުނިޔެއަށް ފަޟީޙަތްނުވެ ސަލާމަތްވެވުނެވެ.
ދެން މިބުނަނީ ބުނަންޖެހޭ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ! ކިތަންމެ ބުރަކޮށް އުޅުނަސް ދަރިންގެ ވާހަކަ އަޑުއަހަން ވަޤުތުދޭށެވެ. ދަރިން ދައްކާ އެބާވަތުގެ ވާހަކަތަކަށް ސަމާލުކަންދޭށެވެ. ކަމެއް ނުހިނގާނަމަ ކުދިން އެބާވަތުގެ ވާހަކައެއް ނުދައްކާނެއެވެ.
ހަމައެއާއިއެކު ދަރިންގެ މިބާވަތުގެ ކަންކަމުގައި ހަމައެކަކަށްވެސް އިތުބާރުނުކުރާށެވެ! ކިތަންމެ ހެޔޮކޮށް ކަންކަންކުރަމުންވެސް މިބާވަތުގެ ޢަމަލުތައް ކުރަނީ މަދަކުންނޫނެވެ. މިބާވަތުގެ ކަންކަމުން ދަރިންނަށް ލިބޭ އަނިޔާއާއި ނަފްސާނީ ގެއްލުމުން އެކުދިން ސަލާމަތްކުރުމަކީ ކުރެވޭ ކަމެއް ނޫނެވެ. އެކަމެއް ނުކުރެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން