އެއީ 2 ދަރިން ލިބިފައިވާ ތަނަވަސް މީހެކެވެ.
ފަހަކަށް އައިސް އަނބިދަރިންނަށް ޚަރަދުކުރަނީ ވަރަށް މަދުންނެވެ. ކިރިޔާ ފުދޭވަރަށެވެ. އަނބިމީހާ ޝަކުވާއެއް ނުކުރެއެވެ. ދިން މިންވަރަކުން ފުއްދާލައިގެން ކެތްތެރިވަނީއެވެ.
ދެ ދަރިންގެ ސްކޫލްގެ ކަންކަމަށް ޚަރަދުކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ފިރިމީހާގެ ގާތުގައި އެވާހަކަބުނުމުން ބުނީ ވިޔަފާރިއަށް ބޮޑުގެއްލުމެއް ލިބިގެން އުޅޭތީ އަތުގައި އެއްވެސް ފައިސާއެއް ނެތްކަމަށެވެ. އެހެންވެ އެދުވަހު ދަރިންގެ ބޭނުންތަކަށް ޖެހުނީ އަނބިމީހާގެ ބޭބެގެ އަތުން ފައިށާ ހޯދާށެވެ.
އަނެއްދުވަހު ހަވީރު މީހަކު ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވިއިރު ހުރީ ޒުވާން އަންހެނެކެވެ. ސަލާމް ބަލައިގަނެ ގެއަށް ވެއްދުމުން އޭނާގެ ޥާހަކަ ކިޔައިދިނެވެ. އޭނާއަކީ ފިރިމީހާގެ ލޯބިވެރިޔާއެވެ. އެކަމަކު ކައިވެނިކޮށްގެން ހުރިކަމާއި ދަރިން ތިބިކަން އޮތީ އޮޅުވާލައިފައެވެ.
އޭނާ ދަމުން ދިއައީ އަނބިމީހާގެ އެކައުންޓް ނަންބަރު ހިފައިގެންނެވެ. ބުނީ ނަންބަރު ގެންދާ ބޭނުން ފަހުން ކިޔައިދޭނެ ކަމަށެވެ. ނަންބަރުދިނީ އެކައުންޓުގައި އެއްވެސް ފައިށާއެއް ނުހުންނާނެތީ ދެވޭނެ ދެރައެއް ނުއޮންނާނެތީއެވެ.
3 ވަނަ ދުވަހު ފޯނުކޮށްފައި ބުނީ މިހާރު އެކައުންޓުގައި ރަނގަޅު ޢަދަދަކަށް ފައިސާ ހުންނާނެ ކަމަށާއި އެއީ މަކަރަކުން އޭނާގެ ފިރިމީހާގެ އަތުން ހޯދި ފައިސާ ކަމަށެވެ. އޭނާއަކީ ފައިސާއަށް ދަހިވެތި މީހަކަށް ނުވުމުން ދަތިޙާލުގައި އުޅެންޖެހިފައިވާ އަނބިމީހާއަށް ދިނީ ކަމަށެވެ. އަދި މިހިސާބުން އޭނާއާއި އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށެވެ.
އިތުރަށް ނަޞީހަތެއްގެ ގޮތުން ބުނީ ގައިގައި ޒުވާންކަން ހުއްޓައި އަވަހަށް ވަކިވެ ދެވަނަ ދިރިއުޅުމެއް ފެށުމަށެވެ. ފިރިމީހާ ފަދަ ބޭވަފާތެރިން ދުވަހަކުވެސް އިޞްލާޙްނުވާނެ ކަމަށެވެ.
އަނބިމީހާ އޭނާގެ ނަޞީޙަތް ޤަބޫލުކޮށް ފިރިމީހާގެ ގާތުން ވަރިވިއެވެ. ޢިއްދަ ހަމަވުމުން ދެވަނަ ކައިވެނިކޮށްގެން ދިރިއުޅުމެއް އަލުންފެށީއެވެ.
ދެން މިބުނަނީ މިވާހަކައިގެ އެންމެ މުހިންމު ބައެވެ. އަތުގައި ފައިސާހުރެމެ ފައިށާ ނެތްކަމަށްބުނި ފިރިމީހާގެ ވިޔަފާރިވީ ބަނގުރޫޓެވެ. ގެއްލުންވަމުން އައިސް ޖެހުނީ ދެފިހާރަވެސް ވިއްކާލައި މީހެއްގެ ނޯކަރަކަށްވާށެވެ. އެކަން އެނގުމުން ފިރިމީހާގެ ލޯބިވެރިޔާ އަނބިމީހާގެ އެކައުންޓަށް ޖަމާކޮށްދިން 50،000 ރުފިޔާ ފިރިމީހާގެ އެކައުންޓަށް އަނބުރައި ޖަމާކޮށްދިނެވެ. ދެއަންހެނުންގެ މެދުގައި ވާހަކަދެކެވުނުކަން އޭނާއަށް އެނގުނީ އަނބިމީހާ ފޯނުކޮށްފައި އެވާހަކަ ބުނުމުންނެވެ.
އެހިސާބުން އޭނާއަށް އުޅެވުނު ގޮތް އޭނާއަށް ވިސްނުނެވެ. ބަނގުރޫޓުވާންޖެހުނު ސަބަބުވެސް ވިސްނުނެވެ. އަނބިމީހާގެ ތެދުވެރިކަން ވިސްނި އަލުން ގުޅެން ބޭނުންވިއެވެ. ނަމަވެސް އަނބިމީހާ ބުނީ މިހާރުގެ ފިރިމީހާއަކީ ޖަވާހިރެއް ފަދަ ރަނގަޅު މީހެއްކަމަށާއި އޭނާއާއި ވަކިނުވާނެ ކަމަށެވެ. ދެދަރިންނަށްވެސް ލޯބިދީ ކަންކަން ކޮށްދެނީ އަމިއްލަ ދަރިން ފަދައިން ކަމަށެވެ.
ވަރަށް ކުރުކޮށް މިކިޔައިދިނީ އަޅުގަނޑުގެ އެކުވެރިއެއްގެ ޙަޔާތުގައި ކަންކަން ކުރިމަތިވި ގޮތެވެ. ހަމައެކަނި ބުނެލަން ބޭނުންވަނީ އަނބިދަރިންނަށް މަކަރުހަދާ މީހަކާއި އެކަން މާހިތިކޮށް ބައްދަލުކުރާނެކަން ދަންނަންވާނެ ކަމަށެވެ.
- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް