ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނަކީ މެންބަރުކަމުގެ ޝަރުތު ހަމަނުވާ ފަރާތެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ކޯޓުގެ މި ނިންމުމާ ގުޅިގެން ސިނާންގެ މެންބަރުކަމުގެ ގޮނޑި މިހާރު ވަނީ ގެއްލިފައެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ކޯޓު ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކޮށްފައި ނުވާތީއެވެ. މި މައްސަލައަކީ ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގެ އަސާސަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ސިނާނާއި އިތުރު ބަޔަކު ގުޅިގެން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. އެ ލޯނުގެ ތެރެއިން ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ، ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން އޮތީ ހުކުމްކޮށްފައެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކޯޓު ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ދައްކަމުން ނުދާނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ބަހުސް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ސިނާން ދަރަނި ދައްކާފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމާ އެއްގޮތަށްތޯ ނޫންތޯ ބެލުމުގެ މައްޗަށެވެ.
މި ނިންމުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މިހާރު ވަނީ ހުސްވެފައެވެ. މިއީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ޝަރުތު ހަމަނުވެގެން ގެއްލުނު ފުރަތަމަ ފަހަރެވެ.