މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުލްމަތީން މުޙައްމަދު މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަތީން މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ މީސްމީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ނަމަވެސް، މަޤާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ޢަބްދުލްމަތީން މުޙައްމަދު އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އެކުލަވައިލުމާ ގުޅިގެން، 28 ނޮވެމްބަރު 2023 ގައެވެ.
މަތީނަކީ މީގެ ކުރިންވެސް ސަރުކާރުގެ އެކި މަތީ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މަތީން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް ދެން އައްޔަންކުރައްވާނެ ބޭފުޅަކާ މެދު ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.