މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މަގާމުން އިސްތިއުފާ ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މަގާމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފަރުހަތު މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ މިއަދު އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށްފަހުގައެވެ. ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.

ފަރުހަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަނުކުރެއްވި ތިންވަނަ ބޭފުޅާއެވެ. އޭނާގެ ކުރިން އެ މަގާމުގައި ހުންނެވީ ޔޫކްރައިންއަށް ނިސްބަތްވާ ޑރ. ވިޓާލީ ލިއުބިމޮވް އެވެ.

ފަރުހަތު މަގާމުން އިސްތިއުފާ މި ދެއްވީ، މިފްކޯއިން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސް އިއުލާނު ކުރީ އެކަން ސަރުކާރަށް އެނގުމެއްނެތި ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ހޯމަ ދުވަހު މަސްދަޅުގެ އަގު ބޮޑުކުރުމަށްފަހު، ހަމަ އެ ދުވަހު އަލުން ކުރީގެ އަގަށް ބަދަލުކޮށް އެކަން ކުންފުނިން ވަނީ އިއުލާނު ކޮށްފައެވެ.

މަސްދަޅުގެ އަގު ބޮޑުކުރި މައްސަލައިގައި ސަރުކާރުގެ ކަންބޮޑުވުންތަކެއް ހުރިކަން ހާމަވެފައިވާއިރު، ފަރުހަތު މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭނާއަކީ މީގެ ކުރިން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

މިއަދު އޮންލައިން