އަހަރުގެ ފުރަތަމަ ތިން މަހު އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަހަރުގެ ފުރަތަމަ ތިން މަހު އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ މިހާތަނަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިއަހަރު ލިބުނު އާމްދަނީ ވަނީ %30 އިތުރުވެފައެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ދެ ބާވަތެއްގެ ފީއެއް ނަގައެވެ. އެއީ ޑިޕާޗާރ ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.

މީރާގެ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މި ދެ ބާވަތުން ޖުމްލަ 1.1 ބިލިޔަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 871 މިލިޔަން ރުފިޔާ ކަމަށްވާއިރު، މިއީ ގާތްގަނޑަކަށް %30 ގެ ކުރިއެރުމެކެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު، ޑިޕާޗާރ ޓެކުހުގެ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަހު 563 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 435 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %29.4 އިތުރު އަދަދެކެވެ.

މި އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށް ބެލެވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިގްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާކަން މި ތަފާސްހިސާބުތަކުން ހާމަވެއެވެ.

މިއަދު އޮންލައިން