މިއަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާއަށް އަލަށް 1900 އެއްހާ މުވައްޒަފުން ޚިދުމަތަށް ނެރެވޭނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންސާނީ ވަސީލަތް ބިނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ޞިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމާއި އައު ޚިދުމަތްތައް ތަޢާރަފުކުރުމާ އެކުއެކީގައި، އެ ޚިދުމަތްތައް ދޭނެ ފަންނީ މީހުން ބިނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި ޞިއްޙީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި އަތޮޅުތަކުގެ 18 ރަށެއްގައި އަލަށް ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން 10 ރަށެއްގައި އަލަށް ޑައިލިސިސްގެ ޚިދުމަތް ދޭން ފަށާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އައު ވަސީލަތްތަކާއި ޚިދުމަތްތައް ރަށްރަށުގައި ޤާއިމުކުރެވުނު ނަމަވެސް، އެ ޚިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތަމްރީނުލިބިފައިވާ ދިވެހި މުވައްޒަފުން އިތުރުކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ޚިދުމަތަށް ނެރެވޭ 1900 އެއްހާ މުވައްޒަފުންނާއެކު، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، މުވައްޒަފުންގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.