"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގައި ދީނީ ކޮންޓެންޓަށް ޚާއްޞަ ކެޓަގަރީއެއް ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގައި ދީނީ ކޮންޓެންޓަށް ޚާއްޞަ ކެޓަގަރީއެއް ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގައި، ދީނީ ކޮންޓެންޓަށް ޚާއްޞަ ކެޓަގަރީއެއް ފުރަތަމަ ފަހަރަށް ތަޢާރަފްކޮށް، އެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މަޢުރަޒު އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގައެވެ. މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މަޢުރަޒުގެ އުސޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މިފަހަރުގެ މަޢުރަޒުގައި އަލަށް ހިމެނި ދީނީ ކެޓަގަރީއަކީ އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށާއި، އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ދައްކާލުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ. ބީސީސީއިން ބުނި ގޮތުގައި މި ކެޓަގަރީގެ މައިގަނޑު މަޤްޞަދަކީ އުފެއްދުންތެރި އަދި ތަޢުލީމީ ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ އުޞޫލުތައް ކުރިއެރުވުމާއި، ދީނީ ކަންކަމަށް ޚާއްޞަ ތަކެތި އުފެއްދުމުގައި އައު ވިސްނުންތަކަށް ހިތްވަރު ދިނުމެވެ.

މި ކެޓަގަރީގެ ދަށުން އިސްލާމްދީން ކުރިއެރުވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތައް ބައިވެރިކުރުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ދީނީ ކޮންޓެންޓް، އޯޑިއޯ އަދި ވީޑިއޯ ފޯމެޓުގައި ހުށަހެޅުމުގެ ފުރުޞަތެވެ. އެގޮތުން އިސްލާމީ ތީމްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީތަކާއި، ރިޕޯޓްތަކުގެ އިތުރުން، ދީނީ ރޫޙު އާލާކުރުމަށް ތައްޔާރުކޮށްފައިވާ ތަފާތު މަލްޓިމީޑިއާ އުފެއްދުންތައް މި މަޢުރަޒުގައި ބައިވެރިކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ އުޞޫލުތަކާއި ދިވެހިވަންތަކަން ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން، މިފަދަ ފުރުޞަތުތަކުގެ ސަބަބުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޒުވާން އުފެއްދުންތެރިންނަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން