ރާއްޖޭގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު، "ވެލި މަގު" ކޮންސެޕްޓަށް މަގުތައް ހެދުމަށް ގިނަ ރަށްތަކަކުން އެދެމުންދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރައްޔިތުން ބޭނުންވާ ގޮތަށް ވެލިމަގުތައް ތަރައްޤީކުރުމުގެ ޚާއްސަ ކޮންސެޕްޓެއް މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި މި ކޮންސެޕްޓް މިހާރު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ފާސްކޮށްދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަޒީމް ފާހަގަކުރެއްވި ގޮތުގައި، ގިނަ ރަށްރަށުގައި ސަރުކާރުގެ ރަސްމީ އިދާރާތައް ހުންނަނީ އެއް މަގެއްގައެވެ. އެހެންކަމުން، އެފަދަ މައި މަގުތަކުގައި ތާރުއަޅައި، ރަށުގެ އެހެން މަގުތައް ވެލި މަގުތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ގިނަ ރަށްރަށުން އެދެމުންދާ ކަމަށާއި، އާރުޑީސީން މިހާރު ދަނީ އެ ކޮންސެޕްޓް އިތުރަށް ޕްރޮމޯޓުކުރަމުންނެވެ.
ވެލި މަގުތަކުގެ ގޮތުގައި ތަރައްޤީކުރި ނަމަވެސް، އެ މަގުތަކަކީ ޒަމާނީ ފެންވަރުގެ ހިތްގައިމު މަގުތަކަކަށް ވާނެކަމުގެ ޔަޤީންކަން އާރުޑީސީން ދެއެވެ. މިގޮތުން މަގުތައް ހަދާއިރު ހިނގާ މީހުންނަށް ޚާއްސަ ޕޭމަންޓްތަކާއި، ފެން ހިންދާ ކާނުތަކުގެ އިތުރުން، ބިމުގެ އަޑިން އަޅަންޖެހޭ ތަފާތު ހޮޅިތަކަށް ޚާއްސަ "ޑަކްޓް" ތައްވެސް މި މަގުތަކުގައި ހިމެނޭނެއެވެ.
ނަޒީމް އިތުރަށް ވިދާޅުވީ، ފެން ހިންދާ ނިޒާމާއެކު ވެލި މަގުތައް ހެދި ނަމަވެސް، އެ ނިޒާމު އެންމެ ފުރިހަމައަށް ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމުގައި ރަށު ކައުންސިލްތަކުން ޚާއްސަ ޒިންމާއެއް އަދާކުރަންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ރަށްރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި މަގުތައް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.