ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ: މާލީ ވަޒީރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކާމިޔާބު ނުވެ ނިމިފައިވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު ވިދާޅުވީ، ހަނގުރާމަ ފެށިގެން އައި ދަނޑިވަޅުގައި ސަރުކާރުން އެންމެ އިސްކަމެއް ދިނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އެގޮތުން، އާންމުކޮށް ތެޔޮ ގެންނަ ސަރަހައްދު ނޫން އެހެން ސަރަހައްދަކުންވެސް ރާއްޖެއަށް ތެޔޮ ލިބޭނެކަން ސަރުކާރުން ކަށަވަރު ކުރި ކަމަށާއި، ސިންގަޕޫރުން ރާއްޖެއަށް ތެޔޮ ޝިޕްމެންޓް އާންމުކޮށް ގެންނަ މިންވަރަށް ވުރެ އިތުރަށް އެ ދުވަސްވަރު ގެނެސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އެންމެ މުހިންމު ކަމަކީ ތެލުގެ އަގު. އަދިވެސް ކަންބޮޑުވުން އެބައޮތް. ޝެޑިއުލްއާއެކު ޝިޕްމެންޓް އެބައެދޭ. އަޅުގަނޑުމެން މި ހަނގުރާމައިގެ ކަންތައް ބޮޑުވެގެން އައި ދަނޑިވަޅުގައި އެހެން ދިމާލަކުން ތެޔޮ އިތުރަށްވެސް ގެނައިން. ނަމަވެސް މިހާރު މިގެންނަނީ އާންމުކޮށް ގެންނަ ދިމާލުން. ހަނގުރާމަ ހުއްޓާ ނުލާތީ، އަގަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިދިޔަ ހަފުތާ ބަނދުގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ކުރިއަށްދިޔަ މަޝްވަރާތައް ރާއްޖެއިން ވަރަށް ގާތުން ބަލަމުންދިޔަ ކަމަށެވެ. ހަފުތާ ބަނދުގެ ކުރިން ސުލްހައިގެ މަޝްވަރާތައް ފެށޭނެ ކަމުގެ ޚަބަރާއެކު، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަކި މިންވަރަކަށް ދަށަށް ދިޔަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ބަދަލު ސާފުކުރި ތެލުގެ އަގުން ފެނިފައި ނުވާތީ، ކުރިއަށް އޮތް ތަނުގައި އަގަށް ކުޑަނަމަވެސް ބަދަލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމަ ހުއްޓާލުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމަކީ ތެލުގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމެއްކަން މާލީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން