ޙައްޖުގެ އެންމެހާ އިންތިޒާމްތަކެއް ވަނީ ފުރިހަމަކުރެވިފައި: ވަޒީރު ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޙައްޖުގެ އެންމެހާ އިންތިޒާމްތަކެއް ވަނީ ފުރިހަމަކުރެވިފައި: ވަޒީރު ޑރ. ޝަހީމް

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖުވެރިންގެ އެންމެހާ އިންތިޒާމްތަކެއް ފުރިހަމަކުރެވިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޙައްޖުވެރިންގެ ވިސާގެ ކަންކަންވެސް މިހާރު ހަމަޖެހި ނިމިފައިވާ ކަމަށެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޙައްޖުގެ އަޅުކަމަށް ބުރޫއަރާފާނެތޯ އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، މަސްލަޙަތު ގޯސްވުމުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި ދިވެހި ޙައްޖާޖީންގެ ދަތުރުގެ ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމައަށް ރޭވިފައިވާ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

"ދިވެހިރާއްޖޭގެ ޙައްޖުވެރިންގެ އެންމެހާ ކަންތައްތަކެއްވެސް ވަނީ ވަރަށް ފުރިހަމައަށް ނިމިފައި. ވިސާވެސް ވަނީ މިހާރު އިޝޫ ކުރެވިފައި. އަދި އެކަމަޑޭޝަނާއި، އެހެނިހެންވެސް ތައްޔާރީތައް ފްލައިޓުގެ ދަތުރުތަކާ ހުރިހާކަމެއްވެސް ވަނީ އިންތިޒާމްކުރެވިފައި،" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ޙައްޖުވެރިންގެ ފްލައިޓްތަކުގެ ތަރުތީބާއި، ސަޢޫދީގައި ތިބޭނެ ތަންތަނުގެ އިންތިޒާމްތައްވެސް މިހާރު ވަނީ އެންމެ ފަހުގެ މަރުޙަލާގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވަނީ ޙައްޖުވެރިންނަށް ލުއިފަސޭހަ އަދި ރައްކާތެރި އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށެވެ.

މިއަދު އޮންލައިން