ސްރީލަންކާގެ ބަނދަރުގައި ރާއްޖެއަށް ނުގެނެވި ތާށިވެފައި ހުރި ކޮންޓެއިނަރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށްގެންދާކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ހާމަކުރައްވައިފިއެވެ.
ވަޒީރު ސައީދު ވިދާޅުވީ، މި ހިނގާ އޭޕްރީލް މަހުގެ 8 ވަނަ ދުވަހާ ހަމައަށް ލަންކާ ބަނދަރުގައި ރާއްޖެއަށް އަންނަންޖެހޭ 4,241 ކޮންޓެއިނަރު ތާށިވެފައި ހުރި ކަމަށެވެ. ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން މިހާރު އެ އަދަދު 1,741 އަށް ދަށްކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، އެސްޓީއޯ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) ގުޅިގެން ކުރި ހަރުދަނާ މަސައްކަތުގެ ނަތީޖާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މުދާ ގެނައުމުގެ ތަފްސީލްތަކަށް ބަލާއިރު، މިހާރުވެސް މާލޭ ބަނދަރުގައި އޮތް އުޅަނދެއްގައި 1,200 ކޮންޓެއިނަރުގެ މުދާ އެބަހުއްޓެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 2,500 ކޮންޓެއިނަރު މާލެއަށް އައުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން އޭޕްރީލް 12 ވަނަ ދުވަހު 500 ކޮންޓެއިނަރު، 13 ވަނަ ދުވަހު 500 ކޮންޓެއިނަރު، އަދި 14 ވަނަ ދުވަހު 1,000 ކޮންޓެއިނަރުގެ އިތުރުން 500 ޓީއީޔޫގެ މުދާ ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު ނުވަތަ އިމްޕޯޓް އިތުރުވެފައިވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމްޕޯޓް ވަނީ 19 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރައި އިގްތިސާދަށް އަންނަ ހެޔޮ ބަދަލުތަކާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމުގެ އިތުރުން ރަމަޟާން މަހާ ދިމާވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، މުދާ އަވަހަށް ބޭލޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.