ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާމެދު އެމް.އެފް.ޑީ.އޭ އިން ގާނޫނީ ފިޔަވަޅު އަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާމެދު އެމް.އެފް.ޑީ.އޭ އިން ގާނޫނީ ފިޔަވަޅު އަޅަނީ

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި ހަށިގަނޑުގެ މަސްތައް ވަރުގަދަކުރުމަށް އެކި ނަންނަމުގައި ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އިންޒާރު ދީފިއެވެ.

އެމް.އެފް.ޑީ.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، މަސްތައް ވަރުގަދަ ކުރުމަށާއި، ހަންގަނޑު ރީތިކުރުމުގެ އިތުރުން ޖިންސީ ކަންކަމުގައި ބޭނުންކުރުމަށް ހުއްދަ ނެތް ބޭސްތައް ރާއްޖެއަށް އިމްޕޯޓްކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ތަކެތި އޮންލައިން މަންސަތަކުގައާއި ބައެއް އާންމު ފިހާރަތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި އާންމުންގެ ގިނަ ބަޔަކު މިފަދަ ބޭސްތައް ގަނެ ބޭނުންކުރަމުންދެއެވެ. ނަމަވެސް، މިގޮތަށް ހުއްދަ ނުނަގައި ވިއްކާ ބޭސްތަކަކީ އެމް.އެފް.ޑީ.އޭ އިން އޭގެ ރައްކާތެރިކަމާއި ފެންވަރު އެއްވެސް ވަރަކަށް ކަށަވަރުކޮށްފައިވާ ތަކެއްޗެއް ނޫނެވެ.

މިފަދަ ބޭސްތައް ބޭނުންކުރުމުގެ ނުރައްކަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމް.އެފް.ޑީ.އޭ އިން ވިދާޅުވީ، މިކަމުގެ ސަބަބުން އާންމު ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އޭގެ ތެރޭގައި ހިތް ހުއްޓުމާއި، ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ހާލަތްތަކުގެ އިތުރުން، ކުއްލި މަރަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަން އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.

އެހެންކަމުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހުއްދަ ނުނަގައި ބޭސް އެތެރެކުރުމާއި ވިއްކުން ހުއްޓާލުމަށް އެމް.އެފް.ޑީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ.

މިއަދު އޮންލައިން