ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ މައި ކޭބަލަކަށް ގެއްލުންވެގެން: ސްޓެލްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ މައި ކޭބަލަކަށް ގެއްލުންވެގެން: ސްޓެލްކޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.

ސްޓެލްކޯ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ބެލެވޭ ގޮތުގައި އެ ސަރަހައްދުގައި ކޮނުމުގެ މަސައްކަތެއް ކުރިއަށް ދިޔަ ވަގުތެއްގައެވެ. މި ހާދިސާއާ ގުޅިގެން ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުންނާއި ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

އެ ކުންފުނިން އިތުރަށް ބުނެފައިވަނީ، މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް، މި މައްސަލަ ޙައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އިއާދަކުރުމަށްޓަކައި ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މިހާރު ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، ގެއްލުންވި ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ. މި މަސައްކަތް ނިމުނުހާ އަވަހަކަށް ހުރިހާ ސަރަހައްދަކަށްވެސް ކަރަންޓުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން