ކިތަންމެ ބޮޑު ދަތިޙާލެއްގައި އުޅެންޖެހުނަސް ޙަރާމް ގޮތުގައި އެއްވެސް އެއްޗެއް ނުހޯދަން ޢިލްމްވެރިން އަބަދުހެން ނަޞީޙަތްދެއްވަމުން ގެންދަވާއިރުވެސް ގިނަ ބައަކަށް އެނބުރެވެނީ ޝައިޠޯނާގެ ފަރާތަށެވެ. އެކުވެރިންގެ ތެރޭގައި ތިބޭ ޝައިޠޯނުންގެ ކިބައިން ސަލާމަތްވެވެނީ މަދުމީހަކަށެވެ.
ތިރީގައިވާ ވާހަކައަކީ މީހަކަށް ކުރިމަތިވާނެ އެންމެ ދަތިޙާލުގައިވެސް އެކުވެރިންގެ ބަހަށް ނުހެއްލި ޙަރާމް ގޮތުގައި އެއްވެސް އެއްޗެއް ނުހޯދައި ކެތްތެރިވި އަނހެނަކަށް ލިބުނު ތަނަވަސް އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ.
ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ!
އަހަރެމެން ދެމީހުންގެ ގެ ހުންނަނީ ޖެހިޖެހިގެންނެވެ. ދެމީހުންނަކީވެސް ވަރަށް ފަޤީރު ޙާލުގައި ކުޑަ ދެދަރިން އެކަނި ބަލަހައްޓަމުން ގެންދާ އެކަނިވެރި މައިންނެވެ. ދެމީހުން ވެސް ދިރިއުޅެމުން ދިއައީ އެކަކަށް އެއްޗެއް ލިބިއްޖެ ނަމަ އަނެކަކަށް ދީ ޙިއްޞާކުރަމުންނެވެ. ގާތް ދެ އުޚުތުންގެ ގޮތުގައެވެ.
އެއީ ވަރަށް ހިތާމަވެރި ދުވަހެކެވެ. ޙަޔާތުގައި މިހައިތަނަށް ދިމާވި އެންމެ ހިތްދަތި ދުވަސްކަމަށްވެސް ބުނެވިދާނެއެވެ. ކުއްލިއަކަށް އެކުވެރިޔާ ނިޔާވީއެވެ. ޖަނާޒާގެ ކަންކަން ފުރިހަމަކުރީވެސް އަހަރެންގެ އަތުގައި އޮތް ރަން ފަށަކާއި\ އަނގޮޓިއެއް ވިއްކާލައިގެންނެވެ.
ޖަނާޒާއިން އެނބުރި އައިސް އެކުވެރިޔާގެ ދަރިފުޅު އަހަރެން ދިރިއުޅޭގެއަށް ގެނައީމެވެ. ދެދަރިންގެ މައަކަށްވީމެވެ. ކާނެ އެއްޗެއް ނުލިބޭތީ ގިނަ ދުވަސްދުވަހު ހުންނަނީ ރޯދައަށެވެ. އެންމެ ރޮށްޓެއް ފިހެފައި ދެފަޅިކޮށްލައި ދެކުދިންނަށް ކާންދޭ ދުވަސްވެސް މަދެއް ނުވާނެއެވެ.
ދެކުދިންނަކީވެސް 6 އަހަރުގެ ދެކުދިންނެވެ. ސްކޫލަށް ފޮނުވަންޖެހޭ އުމުރެވެ. ނަމަވެސް އަތުގައި އެއްވެސް ފައިސާއެއް ނެތުމުން އެއްވެސް ކުއްޖަކު ސްކޫލަކަށް ނުފޮނުވެއެވެ. އެކަމާއި ހުރީ ވަރަށް ދެރަވެގެންނެވެ.
އެއް ދުވަހެކެވެ. މަގުގެ ކައިރީގައި ދިގުގޮނޑިއެއް ބަހައްޓައި ދެކުދިން ދެފަރާތުގައި ބައިންދައިގެން ބުރަކަށީގައި ފިރުމަން އިނީމެވެ. އެދުވަހަކީ ކާނެ އެއްވެސް އެއްޗެއް ގޭގައި ނެތް ދުވަހެކެވެ. އެންމެ ރޮށްޓެއް ފިހެލާނެ ފުށްކޮޅެއްވެސް ނެތުމުން ލޮލުން ކަރުނަ އޮހޮރެއެވެ. ނަމަވެސް އެކަމެއް ކުދިންނަކަށް ނުއަންގަމެވެ.
ހަނދާނަށް އަންނަމުންދިއައެވެ. އެކަނިވެރި މައަކަށްވުމުން ބައެއް އެކުވެރިން ދިން ނަޞޭޙަތެވެ. ރީތިވެގެން ބޭރަށް ނުކުންނާށެވެ. އަތްމަތިދަތިވެގެން އުޅޭކަށް ނުޖެހޭނެއެވެ. ބޭނުންތައް ފުއްދައިގެން އުޅެވޭނެއެވެ. ދަރިފުޅުގެ ކަންކަންވެސް ބެލެހެއްޓޭނެއެވެ. އެމީހުންނަށް އަޅުގަނޑުދިން ޖަވާބަކީ ޙަރާމް ގޮތުގައި އެންމެ ރުޕީސް އެއްވެސް ބޭނުން ނޫން ކަމަށެވެ. ﷲ ތަޢާލާ ކޮންމެވެސް ރަނގަޅު ގޮތެއް މިންވަރުކުރައްވަވާނެއެވެ.
އެފަދަ ޚިޔާލުތަކެއްގައި އިންދައި އައި ކާރެއް އަޅުގަނޑު ގާތަށް މަޑުކޮށްލާފައި ދުއްވަން އިން ޒުވާނާ ފައިބައިފިއެވެ. އެދުނީ ފާޚާނާ ކޮށްލެވޭނެ ގޮތެއް ހަދައިދިނުމަށެވެ. އަހަރެން އެޒުވާނާ ގޮވައިގެން ގެއަށް ވަދެ ފާޚާނާ ދައްކާފައި ނުކުމެ އަނެއްކާވެސް ބޭރުގައި އިނީމެވެ.
އިރުކޮޅަކުން ޒުވާނާ އައިސް ބުންޏެވެ. "އަހަރެން ގެއިން ވައްކަންކުރިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟" ޖަވާބުގައި ބަހެއް ނުބުނެވި އުޅެނިކޮށް ރޮވިއްޖެއެވެ. ހަމަޖެހިލެވުމުން ބުނީމެވެ. "ވައްކަން ކުރާނެ އެއްޗެއް ގޭގައި ހުރިނަމަ އަހަރެމެން 3 މައިންނަށް ނުކައި ހައިހޫނުކަމުގައި ތިބޭކަށް ނުޖެހުނީހެވެ!"
އަހަރެންގެ ޖަވާބުން އެ ޒުވާނާއަށް އަސަރުތަކެއް ކުރިއެވެ. އަދި ދިރިއުޅޭ ޙާލާއިމެދު ސުވާލުކުރުމުން ދެކުދިންނާއި ދުރަށް ޖެހިލާފައި ކަންކަން ހުރި ގޮތް ކިޔައިދިނީމެވެ. އޭނާ ޞަދަޤާތެއްގެ ގޮތުގައި އަހަރެންގެ އަތަށް ފައިސާކޮޅެއް ދިނެވެ. އަދި ފަހުން ބައްދަލުކުރަން އަންނާނެ ކަމަށްވެސް ބުންޏެވެ.
ފައިސާކޮޅު ލިބުމުން އެއަށް ލިބުނު ވަރަށް ކާބޯތަކެތި ގަނެގެން ގެއަށް ވެއްދީމެވެ. އަވަސް އަވަހަށް ކައްކައި ކުދިންނަށް ކާންދިނީމެވެ.
އެއިގެ 3 ދުވަސްފަހުން ހަމަ ހަވީރު ގަޑީގައި އެޒުވާނާ އަތުވެއްޖެއެވެ. އައިސް ބުނީ އޭނާއަށް އިތުބާރުކުރާނަމަ ދެކުދިން ގޮވައިގެން އެނާ ދިރިއުޅޭގެއަށް ގޮސްދިނުމަށެވެ. އެކަން އަހަރެން ޤަބޫލުކުރީމެވެ. އޭނާ އާއިއެކު ދިއައިމެވެ.
ގެންދިއައީ ފުދޭވަރެއްގެ ރީތި ގެއަކަށެވެ. ގެންގޮސްފައި ބުނީ އޭނާއަކީ ވިޔަފާރިވެރިއެއް ކަމަށެވެ. ކައިވެންޏެއްކޮށް ދަރިއަކުވެސް ލިބުނު ކަމަށެވެ. ނަމަވެސް އޭނާގެ އެކައުންޓުން ވަރަށް ގިނަ ފައިސާ ވަގަށް ނަގައިގެން ދަރިފުޅުވެސް ދޫކޮށްލާފައި އަނބިމީހާ ފިލާފައިވާ ކަމަށެވެ. ކުއްޖާ ބަލައިދޭނެ އިތުބާރުހުރި މީހަކު ނެތުމުން ކުޑަކުދިން ބަލަހައްޓައިދޭ ތަނެއްގައި ބަހައްޓައިގެން ބަލަމުން ގެންދާ ކަމަށެވެ. އެހެންކަމުން އޭނާގެ ހުށަހެޅުމަކީ އެގޭގައި އަޅުގަނޑާއި ދެކުދިންވެސް ދިރިއުޅެ 3 ވަނަ ކުއްޖެއްގެ ގޮތުގައި އޭނާގ ދަރިފުޅުވެސް ގެންގުޅެ ބަލައިދިނުން ކަމަށެވެ.
އޭނާގެ އެއިރުގެ މާލީ ޙާލަތާއިބެހޭގޮތުން ބުނީ އަނބިމީހާ ލަނޑުދިނުމުން ދަރނިވެރިވެފައިވާ ކަމަށާއި ދަރަނިން އަރައިގަންނަންމަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އޭނާއަކީ އެވަގުތު ތަނަވަސް މީހެއް ކަމަށް ބުނަން ބޭނުންނުވާކަމަށެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑާއި 3 ކުދިން ބެލެހެއްޓިދާނެ ކަމަށެވެ.
އެހައި ތެދުބަހުން ވާހަކަ ދެއްކުމުން އޭނާއަކީ ތެދުވެރިއެއް ކަމަށް ނިންމައި އޭނާގެ ހުށަހެޅުން ޤަބޫލުކޮށް އެގޭގައި ދިރިއުޅެން ފެށީމެވެ. އޭނާ އަހަރެންގެ ދެކުދިންވެސް ސްކޫލަށް ވައްދައިދިނެވެ. ސްކޫލަށް ގެންގޮސް ގެނެސްދީ ހަދަނީ 3 ކުދިން އެކުގައެވެ.
އެގޮތަށް އެގޭގައި އިންނަތާ އަހަރުވީތަނާ އެއްދުވަހަކު ބުނެފިއެވެ. "ކަލޭމެން 3 މައިން މިގެއަށް ގެނެވުނު ފަހުން ވިޔަފާރި އައީ ރަނގަޅުވަމުންނެވެ. މިއަދަކީ އަހަރެންގެ ހުރިހާ ދަރަނިތައް އަދާކޮށް ނިމުނު ދުވަހެވެ. ވީމާ އަހަރެން ބޭނުންވަނީ ތިއަ 3 މައިން ދުވަހަކުވެސް މިގެއިން ނުނުކުންނާނެ ގޮތް ހަދާށެވެ. ވީމާ އަހަރެންނާއި ކައިވެނިކުރަން އެއްބަސްވާންވީ ނޫންހެއްޔެވެ؟"
އަހަރު ދުވަހު އެގޭގައި އިނުމުން އޭނާގެ އަޚްލާޤް އެނގިފައި އޮތުމުން އޭނާގެ ހުށަހެޅުން ވަގުތުން ޤަބޫލުކުރީމެވެ. ކައިވެނި ކުރެވުނީއެވެ. ދިރިއުޅުން ކުރިއަރަމުން އައިސް ކައިވެންޏަށް 5 އަހަރުފުރުނުއިރު ފިރިމީހާއަކީ އަތްމަތި ތަނަވަސް މީހެކެވެ.
އަހަރެންގެ ގެއާއި އެކުވެރިޔާގެ ގެގެވެސް ހަދައިދީފިއެވެ. އެކުވެރިޔާގެ ގެ ކުއްޔަށްދީގެން ލިބޭ ފައިސާ ޖަމާކުރަނީ އޭނާގެ ދަރިފުޅުގެ އެކައުންޓަށެވެ.
އަހަރެން ބުނާނީ އެކަނިވެރިވުމުން ރީތިވެގެން ބޭރަށް ނުދިއަ ނަމަވެސް ﷲ އަށް ވަކީލްކުރާނަމަ ރަނގަޅު މަގު ދައްކަވާނެ ކަމަށެވެ. އަހަރެންނަށް އެކަން މިވަނީ ތަޖުރިބާކުރެވިފައެވެ. ހަމަ އެއާއިއެކު ބުނެލަން އޮތީ ކިތަންމެ ދަތިޙާލުގައި ދިރިއުޅެމުން ނަމަވެސް ޔަތީމ ކުއްޖަކު ބަލަން ލިބިއްޖެނަމަ ފުރުޞަތު ދޫކޮށްނުލާށެވެ! އެއީ ތިބާ ކުރިއަރައިގެންދާނެ ސަބަބުކަމަށްވެސް ވެދާނެއެވެ. އަހަރެންނަށް މިރަޙްމަތް ލެއްވެވީ ނުހަނު ފަޤީރު ޙާލުގައި އުޅެމުން ނަމަވެސް އެކުވެރިޔާގެ ދަރިފުޅު ބަލައިދިނުންކަމަށްވުން ގާތްކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
- ޝަމްސް / ފައިޞަލް އާބާދު، ޕާކިސްތާން
- ޢިބްރަތްތެރި ވާހަކަ-