ކިތަންމެ އަވަހަށް ކައިވެނިކުރަން ބޭނުންވިޔަސް ބަލަންޖެހޭ ކަންކަމަށް ނުބަލައި ކައިވެކުރާނަމަ ކުރަންޖެހޭ ހިތާމަ މާބޮޑުވާނެކަން ޔަޤީންކުރެވޭނެ 2 ޙާދިސާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 57ސ
ކިތަންމެ އަވަހަށް ކައިވެނިކުރަން ބޭނުންވިޔަސް ބަލަންޖެހޭ ކަންކަމަށް ނުބަލައި ކައިވެކުރާނަމަ ކުރަންޖެހޭ ހިތާމަ މާބޮޑުވާނެކަން ޔަޤީންކުރެވޭނެ 2 ޙާދިސާ-

"އަޅުގަނޑުގެ ހުރީ އެންމެ އަންހެން ދަރިއެކެވެ. ފިރިހެނަކާ ބައްދަލުވިތަނުން އޭނާދެކެ ލޯބިވެ ކައިވެނިކުރަން ބޭނުންވެއްޖެއެވެ. ކައިވެނިކުރާކަށް ދެކޮޅެއް ނުހަދަމެވެ. މިބުނަނީ އޭނާގެ ޙަޤީޤަތް އޮޅުންފިލުވައިގެން ކައިވެނިކުރުމަށެވެ. އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ." 

މިއީ މަންމައަކު ވަރަށް ދެރަވެ ހުރި ބުނި ވާހަކައެކެވެ. އެހެންވެ މިގެނެސްދެނީ މިފަދަ ދަރިންނަށް ފިލާވަޅަކަށްވާނެ ލިޔުމެކެވެ.

ކިތަންމެ ބޭނުންވިނަމަވެސް ބަލަންޖެހޭ ކަންކަން ނުބަލާ އަވަސްއަރުވާލައިގެން ކައިވެނިކުރާނަމަ ކަރުނަ އަޅަން ނުޖެހޭ އަންހެނަކު މަދުވާނެ ކަމަށް ބުނަންޖެހެނީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ކަންކޮޅުތަކުގައިވެސް އެކަން އެގޮތަށް ދިމާވާތީއެވެ.  

ލޯބިވެއްޖެނަމަ މުހިންމީ މިޒާޖުދަސްކުރަން އެކުގައި ދުވަސްތަކެއް ހޭދަކޮށް ފާފަތަކެއް ކުރުމެއް ނޫނެވެ. ފުރަތަމަ ކަމަކަށްވެސް އޭނާގެ ޙަޤީޤަތް ހޯދުމެވެ. ކުރިއަށް އިތުރަށް އެންމެ ފިޔަވަޅެއްވެސް އަޅަންޖެހޭނީ ހުރިހާ ރެކޯޑްތަކެއް ސާފުކުރުމަށްފަހުގައެވެ. އެކަމަށް ދެކޮޅުހަދާނަމަ، އެއީ އިތުބާރުނުކުރާތީ ކަމަށް ބުނެ ފޫކަހާނަމަ ފުރަތަމަވެސް އެއޮތީ ގޯސްވެފައެވެ.  

ރެކޯޑް ސާފުނުކުރީމާ ބޮޑަށް ގެއްލުން ލިބެނީ އަންހެނުންނަށެވެ. އެތައް ގޮތަކުންނެވެ. ގިނަ ދަރިންތަކެއްގެ ބައްޕައަކަށްވުން، ކުށުގެ ރެކޯޑް ގިނަ މީހަކަށްވުން، ކައިވެނިކުރާތަނުން ބޮޑު ޙުކުމެއް އިއްވީމާ ބަންދުކުރަންޖެހުން، ފަދަ މައްސަލަތައް ކުރިމަތިވުމުން ދެރަ ލިބޭނީ އަނބިންނަށެވެ.

ބަލިވެ އިންނަތަނުން ނުވަތަ ދަރިއަކު ލިބޭތަނުން މިބުނި ފަދަ މައްސަލަތައް ކުރިމަތުވުން ގިނަ އަންހެނުންނަށްވާނީ ސަލާމަތް ނުވެވޭވަރުގެ ބޮޑު މުޞީބާތަކަށެވެ. ވީމާ ކުރިންވެސް މިބުނި ފަދައިން ފުރަތަމަކަމަކަށް ރެކޯޑް ބަލައިލާށެވެ! އެއަށްފަހު އިތުރަށް ކުރިއަށްދާށެވެ.  

ސަބަބުތައް ތިރީގައިވާ 2 ވާހަކައިންވެސް ސާފުވެލައްވާނެއެވެ.   

ފުރަތަމަ ކިޔައިދޭނީ ކުރު ވާހަކައެކެވެ.  

އޭނާއަކީ ބަލާލަން އެހައި ސިފަ ރީތި އަންހެން ކުއްޖެއް ނޫނެވެ. ނަމަވެސް މައިންބަފައިންނަކީ ތަނަވަސް ބައެކެވެ. އެހެންވެ ގިނަ އަދަދެއްގެ ފިރިހެންކުދިން އޭނާގެ ކައިވެންޏަށް އެދެމުން ދިއައެވެ.  

އެދުވަސްވަރު ކޮފީއަކުން ބައްދަލުވި ވަރަށް ރިތި ޒުވާނެކެވެ. ކުއްލިއަކަށް އެޒުވާނާއަށް ހިތްދެވިއްޖެއެވެ. ކައިވެނިކުރަންވެސް ބޭނުންވެއްޖެއެވެ. ހުރި އެންމެ ދަރިފުޅު ނުވެސް އެނގޭ މީހަކާ ކުއްލިއަކަށް ކައިވެނިކުރަން ބޭނުންވުމުން މައިންބަފައިން އެދުނީ ކުޑަކޮށް މަޑުކޮށްލައި އޭނާގެ ޙަޤީޤަތް ބަލައިލުމަށެވެ. އަދި އެކުވެރިންވެސް އެދުނީ ހަމަ އެގޮތެވެ.  

ނަމަވެސް އެންމެންދިން ނަޞޭޙަތަށް އޭނާ ދިނީ ހަމަ ބީރުކަންފަތެކެވެ. ކައިވެނިކުރަން އަވަސްވެގަނެ ކައިވެނިކޮށްފިއެވެ. ކައިވެނިކުރިތަނާހެން ބައްޕައަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހިއްޖެއެވެ.  

އެކަމާއި ގުޅިގެން މަންމަ ދިއައީ ވަރަށް ބޮޑަށް ހިތާމަކުރަމުންނެވެ. އޭނާގެ ފިރިމީހާ އެދުވަސްވަރު ވަރަށް ގިނައިން މަންމަގެ ގައިގައި ބައްދައި މަންމައަށް ހިތްވަރުދީ ހަދައެވެ. އެހެންކަމުން ފިރިމީހާއަކީ ވަރަށް ރަނގަޅު މީހަކު ކަމަށް އެންމެންނަށްވެސް ޤަބޫލުކުރެވުނެވެ.  

އެއްރެއަކު ނިދަން ތިބެފައި ހޭލެވުނުއިރު ފިރިމީހާ އެނދަކު ނެތެވެ. ކޮރިޑޯގައި ހުރެގެން މީހަކާ ފޯނުން ވާހަކަދައްކަނީއެވެ. '---ރޭވުމާ އެއްގޮތަށް ކަންކަން އެބަކުރިއަށް ދޭ. އުންމީދުމިކުރަނީ ހޮސްޕިޓަލުގައި އޮތް ބައްޕަ ވަރަށް އަވަހަށް މަރުވާނެ ކަމަށް. އެހައިތަނަށް މިގެންދަނީ މަންމަ އަތުއަޅުވާލައި ހިތްދަމައިގަންނަން މަސައްކަތްކުރަމުން. މިހާރުވެސް އެބަ މަދުމަދުން ގައިގަ އަތްލަން."

އޭނާ ދިއައީ ސިއްސައިގެންނެވެ. ފިރިމީހާގެ މަޤްޞަދަކީ ޢާއިލާގެ ތަނަވަސްކަން ދަމައިގަތުންކަން އެނގުނީއެވެ. ނަމަވެސް އެއްވެސް އަޑެއް އިވުނުކަމަށް ނުހަދައި އަނގައިންވެސް ނިދާފައިކަމަށް ހެދިގެން އޮތީއެވެ.  

އަނެއް ދުވަހު ހެނދުނު ފުލުހަށްގޮސް އެވާހަކަތައް ކިޔައިދީ އޭނާގެ ރެކޯޑު ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. މަކަރާ ޙީލަތް ހެދުމުގެ އެތައް މައްސަލަތަކެއްގައި މިހާރުވެސް ގެންދަނީ އޭނާ ހޯދަމުންނެވެ. ފުލުހުން އޭނާ އާއިއެކު ގެއަށްގޮސް ވަގުތުން އޭނާ ހައްޔަރުކުރިއެވެ.  

އެއްވެސް މީހަކު ދިން ނަޞޭޙަތް ޤަބޫލުނުކޮށް އަވަސްއަރުވާލައިގެން ކައިވެނިކުރެވުނީތީ އޭނާ ވަރަށް ހިތާމަކުރިއެވެ. އަދި މައިންބަފައިންނާއި އެކުވެރިންގެ ކިބައިން މާފަށް ވެސް އެދުނެވެ.  

މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ މިނުރަނގަޅު އާދަ އަޅުގަނޑުމެންގެ ތެރޭގައިވެސް އޮތުމުން ބައެއްފަހަރު އަންހެންކުދިންނަށް ލަނޑުލިބެމުން އަންނާތީއެވެ.  

ކިތަންމެ ވަރަކަށް ބަލާފައި ކައިވެނިކުރި ނަމަވެސް ކައިވެނި ރޫޅެން މެދުވެރިވެދާނެއެވެ. މީހެއްގެ ހިތަށް އަންނާނެ ބަދަލެއް ނުއެނގޭނެއެވެ. ބަދަލު އަންނާނެ އިރެއްވެސް ނުއެނގޭނެއެވެ. ނަމަވެސް އެމީހާ ކުރަންޖެހޭ ކަންކަން ކުރަން އެބަޖެހެއެވެ. ބަލަންޖެހޭ ކަންކަން ބަލަންވެސް އެބަ ޖެހެއެވެ. އެއިރުން ތިމާގެ މަސްއޫލިއްޔަތު އެވަނީ އަދާކުރެވިފައެވެ. އެމަސްއޫލިއްޔަތު އަދާނުކުރާނަމަ އަނިޔާ އެލިބިގަނެވެނީ އަމިއްލައަށެވެ. ވީމާ އެއީ މުޅިން ތަފާތު ދެ ޙާލަތެކެވެ.

އަޅުގަނޑުގެ އެންމެ އެކުވެރި ވަފިއްޔާއަށް ވެސް ދާދިފަހުން މިފަދަ ޙާލަތެއް ކުރިމަތިވިއެވެ. ކުއްލިއަކަށް އަވަސްއަރުވާލައިގެން ކައިވެނިނުކުރަން އެންމެން އާދޭސްކޮށްކޮށް ތިއްބައި ކައިވެނިކޮށްލީއެވެ. އެކުވެރިންނާއި ދިމާއަށް ބުނީ ތިއައުޅެނީ ހަސަދަވެރިވެގެން ކަމަށެވެ.  

ކަންކަން އެނގުނުއިރު އޭނާ ވީ ކޯޓުގައި މައްސަލަތައްވެސް އޮތް ބޮޑު ވަގަކަށެވެ. ފިލީ ވަގަށް އެކައުންޓްވެސް ހުސްކޮށްލުމުގެ އިތުރުން ހޯދާފައިހުރި ގަހަނާކޮޅުވެސް ވަގަށް ނަގައިގެންނެވެ. ނުވިތާކަށް ބަނޑަށް 7 މަހުގައެވެ.

ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެނގުނީ މަކަރާ ޙީލަތުގެ މައްސަލަތަކެއްގައި ދިގުމުއްތަކަށް ޙުކުމްކޮށް ޖަލަށްލާފައިވާކަމެވެ. ދުވަސްކޮޅެއްފަހުން ފޮނުވަންފެށީ ބޭނުންވާ އެއްޗެތީގެ ލިސްޓެވެ. އެދެންފެށީ ޖަލުގައި ހުންނަ ފިހާރައިން އެއްޗެތި ގަންނަން ފައިސާ ޓްރާންސްފަރރކޮށްދިނުމަށެވެ. 

އެކަން ހުއްޓުނީ ގެއަށް ބޭނުންވާ ތަކެއްޗާ ދަރިފުޅު ވިހަން ބޭނުންވާ ތަކެއްޗާއި ވަގަށް ނެގި ތަކެތީގެ ލިސްޓު ފޮނުވަން ފެށުމުންނެވެ. އެވަރުންވެސް އެޅުވީ ބަދުނާމެވެ. ބުނީ ޙާލުގަައި ޖެހުނީމާ މީހަކާ ހިތާވެގެން ދޮގު އިލްޒާމް އަޅުވަނީ ކަމަށެވެ. އެބަހަށްވެސް ރަނގަޅު މެސެޖެއް ޑްރާފްޓްކޮށްދިނީމެވެ. "ޖަލުގައި ތިއަ އޮތީ ފުލުހުންނާ ގާޒީ ވެސް ދޮގު އިލްޒާމެއް އަޅުވައިގެންތާއެވެ!"  

ލަދެއް ހަޔާތެއްވެސް ނުހުންނަ މިބާވަތުގެ ފިރިހެނުން ވަރަށް ގިނައެވެ. އަބަދުހެން މިފަދަ މައްސަލަތައް ދިމާވާއިރުވެސް އަހަރެމެންނަށް ކަނުލޯބިވެވޭކަން އެއީ ހަމަ އަހަރެމެންގެ ކުށެކެވެ. އިޞްލާޙްވަމާ ހިނގާށެވެ!

 

- ނަޞީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ-

 

 

މިއަދު އޮންލައިން