އެއީވެސް ވަރަށް ލޯބިން އެކުގައި ދިރިއުޅުނު ދެމަފިރިންނެވެ. ކައިވެންޏަށް 3 ވަނަ އަހަރު ސަބަބެއްވެސް ނުބުނެ އަނބިމީހާ ވަރިވެގެންދިއައީއެވެ. ދިއަގޮތަށް ޚަބަރެއްވެސް ނުވެއެވެ. އެއިގެ އަހަރެއްހައި ދުވަސްފަހުން ފިރިމީހާ ދެވަނަ ކައިވެނިކުރިއެވެ.
ކައިވެނިކުރިތަނާހެން ކުރީގެ އަނބިމީހާގެ މަންމަ ގެއަށް އައިސް ދަރިފުޅާއި ބައްދަލުކުރަން ބޭނުންވިއެވެ. ދެވަނަ އަނބިމީހާއަށް އެއީ ކާކުކަން ނުއެނގި ތަންކޮޅެއް ހަރުކަށިކޮށް ވާހަކަދެއްކުނީ މަކަރުހަދައިގެން ބޭނުމެއް ފުއްދަން އައިސްގެން އުޅޭ އަންހެނަކުކަމަށް ހީވެގެންނެވެ.
އެވަޤުތު ފިރިމީހާއަށް ގެއަށް އައުދެވުމާއިއެކު މިއީ ކުރީގެ މައިދައިތަކަން އެނގުމުން ހެޔޮކޮށްހިތައި ގެއަށް ވެއްދިއެވެ. ހަމަޖެހިލައިގެން ކަންކަން ހިނގައިދިއަގޮތް ކިޔައިދިނުމުން މައިދައިތަ ބުނީ ދަރިފުޅާއި ފޯނުންވެސް ނުގުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި ކައިވެނި ރޫޅުނުކަން ނުއެނގޭކަމަށެވެ. މާލެ މިއައީ ބޭސްފަރުވާއަކަށް ކަމަށެވެ. ދަރިފުޅު ފޯނުން ވާހަކަދައްކަން ބޭނުންނުވެ ހުއްޓަސް މިޙާލުގަ އަންނަން ޖެހުނީމާ އައިސް ކުރިމައްޗަށް އެރީމާ އެހީތެރިވެދޭނެ ކަމުގެ އުންމީދުގައި ގެއަށް އަުދެވުނީ ކަމަށެވެ.
ދަނބިދަރިފުޅު ބުނީ އުފެދޭ ގުޅުމަކީ ކެނޑިގެންވާނެ ގުޅުމެއް ނޫންކަމަށެވެ. ތިއައީވެސް މަންމައެއް ކަމަށާއި އެމަޤާމް މަންމައަށް އަބަދުވެސް އޮންނާނެ ކަމަށެވެ. ވީމާ ގޭގައި އިނދެވޭނެ ކަމަށާއި އަނބިމީހާ ލައްވައި ބޭސްފަރުވާގެ ކަންކަން ކޮށްދޭނެ ކަމަށެވެ. އެހެން ބުނުމުން އަނބިމީހާވެސް އެކަން ޤަބޫލުކުރިއެވެ. އަނބިމީހާ އެންމެ އުފާވީ އޭނާގެ މައިންބަފައިންނަށް ކަމެއް ޖެހުނަސް ފިރިމީހާ ހަމައެގޮތަށް ކަންތައްކޮށްދޭނެ ކަމުގެ ޔަޤީންކަން ލިބުނީތީއެވެ.
އޭނާއަކީ ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ މީހެކެވެ. މައިދައިތަ އައިތާ ހަފްތާއެއްވެސް ނުވަނީސް އެހައިތަނަށް އޭނާއަށް ލިބުނު އެންމެ އަގުބޮޑު މަސައްކަތްލިބުނެވެ. އެރޭ ކާންތިބެގެން އެވާހަކަ ބުނެފައި އޭނާބުނީ އަހުރެންގެ މިބޮޑު ކުރިއެރުމުގެ ސަބަބަކީ ތިއަ މަންމަގެ ހެޔޮދުޢާކަމަށް ވިސްނޭ ކަމަށެވެ. މައިދައިތަ ބުނީ ކޮންމެ ނަމާދެއްގެ ފަހުގައާއި ރޭއަޅުކަމަށްފަހުގައިވެސް ދަރިފުޅަށް ރަހްމަތް ލެއްވެވުން އެދިގެން ދުޢާކުރާ ކަމަށެވެ.
މިޙާދިސާއަށް ވިސްނަވައިލައްވާށެވެ! އެއީ ކުރީގެ އަނބިމިހާގެ މަންމައެވެ. އަނބިމީހާ ކަންތައްކުރީ އެހައިގޯސްކޮށެވެ. އެކަމަށް ބެލުމެއް ނެތި މައަކަށް އެހީތެރިވެދޭ ފަދައިން އެހީތެރިވެދިނީއެވެ. ސަބަބު ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އެކަމަކު ފެންނަން މިއޮތީ ބޮޑު ކުރިއެރުމެއް ލިބުނުތަނެވެ.
މިހުންނަނީ ކަންކަން ހިނގާ ގޮތެވެ. މިވާހަކަ މިއަދުނޫހަށް މިކިޔައިދިނީ މިހާރުގެ އަނބިމިހާއެވެ. އަޅުގަނޑުގެ ލޯމަތީގައި ހިނގައިދިއަ ކަމަކަށްވާތީއެވެ. ޢިބްރަތް ލިބިގަންނަން ބޭނުންވާ މީހަކަށް ފިލާވަޅަކަށްވާނެ ކަމަށެވެ.
- ސަކީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް