ޤާނޫޏުތައް ކޮންމެ ގޮތަކަށް ހުރިނަމަވެސް މިހާރުވެސް އޮޅުވާލައިގެން ގިނަ އަނބިން ހޯދުމުގެ މައްސަލަތައް އެބަކުރިމަތިވެއެވެ. ކަންކަން ފަޅާއެރުމުން ނުވަތަ ދެރަލިބުމުން ގެދޮރާއި އަމިއްލަ ޔަނަވަސްކަން ހުންނަ އަންހެނުން ނިކަމެތި ނުވިނަމަވެސް އެކަންކަން ނެތް އަންހެނުންނަށް ވަރަށް ނިކަމެތި ޙާލުގައިވެސް އުޅެންޖެހެއެވެ.
އަޅުގަނޑަކީވެސް އެފަދަ އަންހެނަކީމެވެ. ފިރިމީހާގެ ޙަޤީޤަތް އެނގުނީ ދަރިއަކު ލިބުމުންނެވެ. ކޮންމެވެސް ގޮތަކުން ދޮށީ އަންތބަށް އެކަން އެނގިގެން އަޅުގަނޑާއި ބައްދަލުކުރުމުންނެވެ. އެހިސާބުން ދެއަންހެނުން ގުޅި ދަރިންނަށްޓަކައި އެކުގައި އުޅެވޭތޯ ބަލަމުން ދަނިކޮށް މިހާރު އެނގިގެން މިއުޅެނީ ރާއްޖެތެރޭގެ ރަށެއްގައިވެސް ފިރިމީހާގެ އަންތބަކު އިންކަމެވެ.
ފިރިމީހާއަށް ލިބޭ މުސާރައިން އަހުރެމެން ދެއަނބިންގެ ބޭނުންތައްވެސް ފުއްދައެއް ނުދެވެއެވެ. ކަންކަން ކުރަންޖެހެނީ އަމިއްލައަށް ވަޒީފާއަދާކޮށް ފައިސާ ހޯދައިގެންނެވެ. ދެން މިހާ މަކަރުމީހުންގެ ގާތުން ވަރިވީމާ ސުންނަތަށް ދެކޮޅުހެދިކަމަށްވާނެތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އަނބިދަރިންނަށް ޚަރަދުނުކުރެވޭނަމަ އިތުރު ކައިވެނިކުރަން ހުއްދަނުވާނެއިރު ތިއަ ޙާލަތުގައި ސުންނަތުގެ ވާހަކަ ދައްކަން ނުވެސްޖެހޭ ކަމަށެވެ. ތިއަ ބާވަތުގެ މައްސަލަތައް އަބަދުވެސް ކުރިމަތިވެއެވެ. ތިރީގައި އެވަނީވެސް ތިއަފަދަ ފިރިއެއްގެ ވާހަކައެވެ. އެ 3 އަންހެނުން ގުޅިގެން ޢަމަލުކޮށްފައިވާ ގޮތަކީ ހަމަ އެންމެ ބުއްދިވެރި ގޮތް ކަމަށް ޤަބޫލުކުރެވެއެވެ. ވިދާޅެވެލައްވާށެވެ!
ކައިވެނިކޮށް ދަރިން ހޯދުމަކީ ކުޅޭ ކުޅިވަރަކަށް ހަދައިގެން އުޅޭ މީހުންގެ ވާހަކަތައް އަބަދުވެސް އަޑުއިވެއެވެ. އެކަމަކު މިވަރުގެ ފިރިހެނެއްގެ ވާހަކަ އަޑުއެއްސެވީމުތޯއެވެ؟
މިކިޔައިދެނީ މީގެ އަހަރުތަކެއް ކުރީގެ ވާހަކައެކެވެ. އެއް އަންތބަށްވުރެ ގިނަ އަނބިންނާ ކައިވެނިކުރާއިރު ދޮށީ އަނބިމީހާއަށް އަންގާލަންވެސް ނުޖެހި ފަސޭހަކަމާއިއެކު ކައިވެނިކުރެވެން އޮތް ޒަމާނުގެ ވާހަކައެކެވެ.
އަޅުގަނޑުގެ ކައިވެންޏަށް އެއިރު 8 އަހަރެވެ. ލިބިފައިވަނީ އެންމެ ދަރިފުޅެކެވެ. އެއިރު މާލޭގައި ވަރަށް ބާރަށް ފެތުރުނު ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ޖެހިގެން ދަރިފުޅު ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ. އެޑްމިޓްކުރީ ހެނދުނުގެ ވަގުތެއްގައެވެ. ފިރިމީހާ ހޮސްޕިޓަލަށް އައީ އޮފީސް ނިމިގެން ހަވީރުއެވެ.
ރޯގާ ޖެހިގެން ތިބި ހުރިހާ ކުދިން ބައިތިއްބާފައި ތިބީ އެއްވޯޑެއްގައެވެ. އެއިރު ސަރުކާރުގެ ހޮސްޕިޓަލް، ސެންޓްރަލް ހޮސްޕިޓަލްގެ ނަމުގައި ހިންގަނީ މިހާރު އޭޑީކޭ ހޮސްޕިޓަލް ހިންގާ އިމާރާތުގައެވެ. ހުރިހާ ކުދިން ބައިތިއްބާފައި ތިބީ މިހާރުގެ ތެލެސީމިޔާ ސެންޓަރު ހުރި ތަނުގައި ހަދާފައިހުރި ވަގުތީ ތަނެއްގައެވެ.
ފިރިމީހާ ވޯޑަށް ވަންތަނުން ދޮރުކައިރީގައި ހުރި އެނދެއްގައި އޮތް ކުއްޖަކު ބައްޕާއޭ ގޮވާލައިފިއެވެ. އެކުއްޖާގެ ގާތަށް ގޮސް އިރުކޮޅަކު ހުރެފައި ކުރިއަށް ހިނގައިގަތްތަނުން އެހެން ކުއްޖަކު ބައްޕާއެވެ. ގޮވާލައިފިއެވެ. އެކުއްޖާ ގާތަށް ގޮސް ވަގުތުކޮޅެއް ހޭދަކުރިތަނާ އަޅުގަނޑުގެ ދަރިފުޅަށް ބައްޕަފެނިގެން ބައްޕާއޭ ގޮވަންފެށީމާ އަޅުގަނޑުގެދަރިފުޅުގެ ގާތަށް އަތުވެއްޖެއެވެ.
އެއިރު މީހާގެ ނިތްކުރިން ހުރީ އޮއްދައު ހިއްލައިފައެވެ. ކުޑައިރުކޮޅަކު އަޅުގަނޑުގެ ދަރިފުޅުގެ ގާތުގައި ހުރުމަށްފަހު ބޭރަށް ނުކުމެލާފައި އެބަ އަންނަން ކަމަށް ބުނެފައި ދިއަ ގޮތަށް 3 ދުވަސްވެގެން 3 ކުދިން ދޫކޮށްލިއިރުވެސް ފިރިމީހާ އެތަނަކަށް ނާދެއެވެ.
ފިރިމީހާ ހޮސްޕިޓަލަށް ދިއަ ދުވަހުގެ ރޭ 3 އަންހެނުން ބައްދަލުކޮށް ދެއްކި ވާހަކައިން އެނގުނީ އޭނާ 3 މީހުންނާއިވެސް ކައިވެނިކޮށްގެން އުޅޭކަމެވެ. ނަމަވެސް އިތުރު އަންތބެއް ހުންނަ ކަމަކަށް އެއްވެސް އަންތބެއްގެ ގާތަކު ބުނެފައިނުވާ ކަމެވެ. ނިދަން ނުދެވޭ ރޭތަކުގައި ބުނަނީ މަންމަ ބަލިކަމުން މަންމަގެ ގޭގައި ނިދަންޖެހެނީ ކަމަށެވެ. އަދި އެ ދެ އަނބިން ބައިތިއްބާފައި ތިބެނީ މީސްމީހުންގެ ގޭގޭގައެވެ. އުޅެނީ ނޯކިރީކޮށްދީގެންނެވެ. ފިރިމީހާ ބުނަމުން ދިއައީ އޭނާގެ މަންމަގެ ގޭގައި ކޮޓަރިއެއް ރާނަނީ ކަމަށާއި ނިމުނީމާ ގެއަށް ގެންދާނެ ކަމަށެވެ.
އޭނާގެ މަންމަ ވަނީ ނިޔާވެފައެވެ. ޢާއިލީ ގޯއްޗެއް ގެއެއް މާލެއަކު ނުހުންނާނެއެވެ. ދިރިއުޅެނީ އަޅުގަނޑުގެ ގޭގައެވެ. އެދެއަންހެނުންނަކީ ރާއްޖެތެރެއަށް ނިޞްބަތްވާ ބައަކަށްވުމުން މާލޭގައި އެކުވެރިން ނެތުމުން އޭނާގެ ޙަޤީޤަތް ނުއެނގުނީއެވެ. އަދި އެޒަމާނުގައި އެބާވަތުގެ ބޮޑެތި މަކަރުހަދާ މީހުން މަދުކަމުން ވިސްނަންވެސް ނުއެނގުނީއެވެ.
ކޮންމެއަކަސް 3 އަންހެނުން ހޮސްޕިޓަލުން ނުކުމެގެންދިއައީ އަޅުގަނޑުގެ ގެއަށެވެ. އަޅުގަނޑުމެން 3 އަންހެނުން ނިންމީ ފިރިމީހާ އާއި ވަކިވެ އެހެން ގޮތެއް ހޯދާށެވެ. ގެއަށް ދިއައިރު ގޭގައި ފިރިމީހާ އުޅެއެވެ.
އެއް އަންހެނަކީ ހުވަދު އަތޮޅަށް ނިޞްބަތްވާ އަންހެނެކެވެ. އޭނާ އަށް ފިރިމީހާ ފެނުމާއެކު ރުޅިގަދަވެ ކަރުގައި ނުހިފީ ވެސް ހަމަކިރިޔާއެވެ. 3 އަންހެނުންވެސް އެދުނީ ވަރިކުރުމަށެވެ. އަޅުގަނޑުވެސް ބުނީ މިހާރުން މިހާރަށް ވަރިކޮށްފައި ގެއިން ނުކުތުމަށެވެ.
މޮޅު ސްޓޯރީތައް ޖައްސަން ވރަށް މަސައްކަތްކުރިއެވެ. ނަމަވެސް ފުރުޞަތެއް ނުދެމެވެ. ކޮއްޕާ ގެއިން ބޭރުކޮށްލީއެވެ. އެހިސާބުން 3 އަންހެނުން ގުޅިގެން ފެށީ ހެދިކާ ހަދާށެވެ. ދަރިން ބޮޑެތި ކުރަމުން އައީ އެކަމުން ލިބު އެއްޗަކުންނެވެ.
ﷲ ގެ ރަޙްމަތްފުޅުން 3 އަންހެނުންނަށްވެސް ރަނގަޅު ފިރިން ލިބުނެވެ. އަނެއް ދެއަންހެނުނަނާއިވެސް ކައިވެނިކުރީ ހަމަ މާލޭގައި ގެދޮރުހުރި ރަނގަޅު ފިރިހެނުންނެވެ. އެހިސާބުން 3 އަންހެނުން ދިރިއުޅޭގެ ވަކިވިނަމަވެސް ކުރަންފެށި މަސައްކަތުގައި ކުރިއަށް ދިއައިމެވެ.
އެއިގެ 10 ވަރަކަށް އަހަރުފަހެވެ. 3 އަންހެނުން އެކުގައި އެއްރޭ ތިއްބައި މީހަކު އައިސް ސަލާންގޮވާލުމުން ބަލައިލިއިރު ހުރީ ކުރީގެ ފިރިމީހާއެވެ. ހުރީ ވަރަށް ބަލިކަށިވެ ނިކަމެތިވެފައެވެ. ފެނުމުން ހަމްދަރުދީވެސް އުފެދުނެވެ. ނަމަވެސް ދީފައިވާ އަނިޔާގެ ބޮޑުކަމުން ސަލާން ބަލައިގަތުން ނޫން އިތުރު އެއްވެސް ޖަވާބެއް އެކަކުވެސް ނުދިނީމާ ވަރަށް ދެރަވެ ހުރެ ނުކުމެގެން ދިއައީއެވެ.
އަޅުގަނޑުމެން މިއަދު މިތިބީ މާމަކިޔައި މުނިމާމަވެސް ކިޔައިފައެވެ. ނަމަވެސް މުޅި ޙަޔާތުންވެސް އެންމެ ބޮޑަށް ހަނދާންވާ ދުވަހަކީ ނުވަތަ ކަމަކީ ކޮބައިތޯ މީހަކު ސުވާލުކޮށްފިނަމަ ބުނެވެން އޮތީ އެދުވަހު ހޮސްޕިޓަލުގައި ދިމާވި ކަންތައް ކަމަށެވެ.
އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ. މާމަމެން ދެރަވަނީ އެފަދަ ޖާހިލު، ހޭލުންތެރިކަމެއް ނެތް ޒަމާނުގައި އަނބިންނަސް ދީއުޅުނު ފަދަ ލަނޑުތައް މިފަދަ ހޭލުންތެރި ޒަމާނުގައިވެސް ދެމުން ގެންދާތީއެވެ. އެފުރުޞަތު ފިރިހެނުންނަށް މިއަދުވެސް އޮތީތީއެވެ.
- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް