ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން: ސްޓެލްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން: ސްޓެލްކޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށެވެ. މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި މައްސަލަ ޙައްލުކުރުމަށް އެކުންފުނީގެ ޓެކްނިކަލް ޓީމުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އަދި ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، ގެއްލުންވި ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން، ކަރަންޓު ކެނޑުނު ޓަވަރުތަކުގެ ތެރެއިން ހިޔާ 2 އަދި 6 ފިޔަވައި އެހެން ހުރިހާ ޓަވަރުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދެވިފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. ނަމަވެސް، ހިޔާ 2 އަށް ކަރަންޓު ދިނުމަށް ކުރި މަސައްކަތުގެ ތެރެއިން އެހެން ހުރިހާ ފްލެޓްތަކުންވެސް ވަގުތީ ގޮތުން ކަރަންޓު ކެނޑިފައިވާ ކަމަށާއި، އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މިއަދު އޮންލައިން