އެފްޑީސީ ފްލެޓްތައް ހުންނަ ސަރަހައްދުގެ މަގުތައް ހެދުމުގެ ބޮޑުބައެއް ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެފްޑީސީ ފްލެޓްތައް ހުންނަ ސަރަހައްދުގެ މަގުތައް ހެދުމުގެ ބޮޑުބައެއް ނިމިއްޖެ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ ފްލެޓްތައް ހުންނަ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 9 ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. މީގެ ތެރެއިން މިހާތަނަށް 6 ފިޔަވައްސެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، މިހާރު ކުރިއަށްދަނީ 7 ވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ.

އެންމެ ފުރަތަމަ ފަށާފައިވަނީ އަމާންދޯދި 1، 2، 3 އަދި 4 ވަނަ ފްލެޓްތައް ހުންނަ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން މަގުތަކަށް ބޭނުންވާ ހުރިހާ އަސާސީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

އެޗްޑީސީން އިތުރަށް ވިދާޅުވީ، މަގުތަކުގައި ބައްތި ޖެހުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ. މިގޮތުން އެ ސަރަޙައްދުގައި މަގުބައްތި ޖެހުމުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އެ ސަރަޙައްދުގައި ބަސް ސްޓޮޕްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

މި މަޝްރޫޢު އެއްކޮށް ނިމުމުން، އެފްޑީސީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.

މިއަދު އޮންލައިން