ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ބަލާލެވޭގޮތް ހެދުމަށްޓަކައި ޚާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތަޢާރަފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ލޭގެ ޚިދުމަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ، ލޭގެ ބަލިތަކަށް ޚާއްސަކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ލޭގެ ޤައުމީ ޚިދުމަތުގެ ނިޒާމު ޤާއިމުކޮށް، މިހާތަނަށް ރާއްޖޭގެ 4 ސަރަހައްދެއްގައި ބްލަޑް ބޭންކު ގާއިމުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތެލެސީމިއާ ކުދިންނާއި އެހެނިހެން ޞިއްޙީ ބޭނުންތަކަށް ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ޚިދުމަތް ދިނުމަށްޓަކައި 108 ރަށެއްގައި ޓްރާންސްފިއުޝަން ސެންޓަރުތައް ގާއިމުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސެންޓަރުތަކަށް ބޭނުންވާ ލެބޯޓަރީ ޓެކްނޮލޮޖިސްޓުން ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.
ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާކޮށް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިޢްޔާ (WHO) ގެ ފަންނީ އެހީތެރިކަމާއެކު "ނޭޝަނަލް ބްލަޑް ސްޓޭންޑަޑް" މިހާރު އެކުލަވާލައި ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ލޭ އެޅުމާއި ލޭ ހަދިޔާ ކުރުމުގެ ކަންކަން ބެލެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ މާހިރުންނާއި ރާއްޖޭގެ ފަންނީ ބޭފުޅުން ގުޅިގެން ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި މި މަސައްކަތުގެ ދަށުން، ޑީއެޗްއައިއެސް 2 ސޮފްޓްވެއާގެ މޮޑިއުލެއް ޚާއްސަ ގޮތްތަކަކަށް ފަރުމާކުރެވިފައިވާ ކަމަށެވެ. މީގެ ސަބަބުން ހުރިހާ ޓްރާންސްފިއުޝަން ސެންޓަރުތަކުން ފޯރުކޮށްދޭ ލޭގެ ޚިދުމަތުގެ ތަފާސްހިސާބުތަކާއި، ލޭ ދޭ ފަރާތްތަކުގެ ގިންތިތައް ވަގުތުން ބަލާލެވޭނެ ނިޒާމެއް މިހާރު ވަނީ ގާއިމުކުރެވިފައެވެ.