ހުރާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހުރާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ކ. ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހާލުގައި ޖެހުނު 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭ އިން މައުލޫމާތު ދެއްވި ގޮތުގައި، ރޭ ހިނގި މި ހާދިސާގައި އަލިފާން ރޯވި ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް މުޅިން އަނދައިގެން ގޮސްފައެވެ. މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް ހުރާ ކައުންސިލުން ވަނީ އެ އޮތޯރިޓީއަށް މައުލޫމާތު ދީފައެވެ.

މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ބުނީ "މި އަލިފާނުގެ ސަބަބުން އެގޭގައި ދިރިއުޅުނު 15 ފަރާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން މިދަނީ ކައުންސިލާ ގުޅިގެން ކުރަމުން" ކަމަށެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ކާބޯތަކެއްޗާއި، އަންނައުނު އަދި އެހެނިހެން ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ. އަދި ގެއަށް ލިބުނު ގެއްލުންތައް ބަލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރު މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެންޑީއެމްއޭ އިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން