ފްލައި ދުބާއީއިން ރާއްޖެއަށް ކާގޯ ދަތުރުތަކެއް ފަށަން ތައްޔާރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފްލައި ދުބާއީއިން ރާއްޖެއަށް ކާގޯ ދަތުރުތަކެއް ފަށަން ތައްޔާރުވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އެއަރލައިން، ފްލައި ދުބާއީ އިން ރާއްޖެއަށް ކާގޯ ދަތުރުތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ދަތުރުތަކަކީ ރާއްޖެއަށް ބޭނުންވާ މުދާ އުފުލުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަން ސަރވިސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގު ވިދާޅުވީ، މިއީ މަތިންދާބޯޓުގެ ކެބިންއަށް މުދާ ބަރުކޮށްގެން ކުރާ "ކާގޯ އިން ކެބިން" ދަތުރުތަކެއް ކަމަށެވެ. މިފަދަ ކާގޯ ދަތުރުތަކަކީ އާންމުކޮށް ކުރާ ދަތުރުތަކެއް ނޫން ނަމަވެސް، ކޯވިޑް-19 ގެ ދުވަސްވަރު ބައެއް އެއަރލައިންތަކުން މިގޮތަށް ރާއްޖެއަށް މުދާ އުފުލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ޝެޑިއުލްގައިވާ ގޮތުން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މި ކާގޯ ދަތުރުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ފްލައި ދުބާއީގެ މި ކާގޯ ދަތުރުތައް ކުރާނީ ދުބާއީގެ އަލް މަޚުތޫމް އިންޓަނޭޝަނަލް އެއާޕޯޓް (ޑީޑަބްލިއުސީ) އިން ފުރައިގެން ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި ދަތުރުތަކުގެ ސަބަބުން ޔޫއޭއީ އާއި ރާއްޖެއާ ދެމެދު މުދާ އުފުލުމުގެ ވިޔަފާރިއަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން