އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ. މި ނިންމުމަކީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ބިލެއް އިނގިރޭސި ސަރުކާރުން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮފް ލޯޑްސްއަށް ކުރިން ވަނީ ހުށަހަޅާފައެވެ. ނަމަވެސް، އެ ބިލުގެ ބަހުސްތައް މަޑުޖައްސާލަން ނިންމީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ފާޅުގައި ދެކޮޅު ހައްދަވައި، ފާޑުވިދާޅުވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެން އަންނަ ދައުރަށް ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރޭގައި ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ގުޅޭ ބިލު މިހާރު ހިމަނާފައެއް ނުވެއެވެ. މިއީ މި މައްސަލައިގައި އިނގިރޭސިވިލާތުގެ ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ.
މި ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ދިނުމާ ގުޅޭ މަޝްވަރާތަކަށް ފުރުސަތު ލިބިގެންދިޔަ ނިންމުމެއް ކަމަށެވެ. އަދި މި މައްސަލައިގައި ހަމަހަމަކޮށް އަމަލުކޮށް، ރާއްޖޭގެ ޙައްގުތައް ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ހަމަޖެހުން ޤާއިމުކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައްވާފައެވެ.
ސަރުކާރުގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތްކަމާއި، އެ ރަށްތައް ލިބުން ޙައްގީ ރާއްޖެއަށް ކަމަށެވެ. މި މައްސަލައިގައި ރާއްޖޭގެ އެންމެހައި މަސްލަހަތުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.