ޑެންގީ ޖެހިގެން ށ. މިލަންދުއަށް ނިސްބަތްވާ ޒުވާނަކު ނިޔާވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ޑެންގީ ޖެހިގެން ށ. މިލަންދުއަށް ނިސްބަތްވާ ޒުވާނަކު ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ހާލު ދެރަވި ޒުވާނަކު މިއަދު މެންދުރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ށ. މިލަންދުއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފިރިހެން ޒުވާނެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 12:15 ހާއިރުއެވެ. އޭނާ މާލެ ގެނެސްފައިވަނީ ހާލު ބޮޑުވެގެން އިތުރު ފަރުވާއަށް އިއްޔެގެ ވަގުތެއްގައެވެ.

ޑެންގީ ޖެހިގެން އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ށ. މިލަންދޫ ސިއްޙީ މަރުކަޒުގައެވެ. ނަމަވެސް ބަލީގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އިއްޔެ ވަނީ ފަރުވާ ދީފައެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް މާލެއަށް ބަދަލުކުރީ ހާލަތު އިތުރަށް ސީރިއަސް ވުމުންނެވެ.

އައިޖީއެމްއެޗުން ވިދާޅުވި ގޮތުގައި، ޒުވާނާ ނިޔާވީ ޑެންގީ ހުން ޖެހިގެން ހާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއީ މި ދުވަސްވަރު ރާއްޖޭގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ހިނގި ހިތާމަވެރި ހާދިސާއެކެވެ.

މިއަދު އޮންލައިން