ބައިނަލްއަގްވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުން ލަސްވީ ޑިޒައިނަށް ގެނައި ބަދަލުތަކާ ގުޅިގެން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބައިނަލްއަގްވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުން ލަސްވީ ޑިޒައިނަށް ގެނައި ބަދަލުތަކާ ގުޅިގެން: ވަޒީރު

މާލޭ ރާޅުގަނޑު ސަރަހައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުން ލަސްވީ އެތަނުގެ ބޮޑު މިނާއި އިމާރާތުގެ އޮނިގަނޑު ކޮންކްރީޓަށް ބަދަލުކޮށް، ކުރެހުމަށް ބަދަލުތަކެއް ގެނައުމުގެ ސަބަބުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުއްލަ ރާފިޢު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސްޓޭޑިއަމްގެ ކުރެހުމަށް ގެނައި ބަދަލުތަކާއެކު އެތަނުގެ ބޮޑުމިނަށް މިހާރު 50 ފޫޓު އިތުރުކޮށްފައިވާ ކަމަށެވެ. އަދި ކުރިން އެތަން ބިނާކުރަން ނިންމާފައި އޮތީ "ޕްރީ ފެބްރިކޭޓެޑް" ސްޓްރަކްޗައަކަށް ނަމަވެސް، މިހާރު އެ ނިންމުން ބަދަލުކޮށްފައިވަނީ ސާފިން އެސޯސިއޭޝަނާއި މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނާ މަޝްވަރާކުރުމަށްފަހު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިމާރާތުގެ އޮނިގަނޑު ކޮންކްރީޓަށް ބަދަލުކުރަން ނިންމި މައިގަނޑު ސަބަބަކީ އެ ސަރަހައްދަކީ ލޮނުގެ އަސަރު ބޮޑު ސަރަހައްދަކަށް ވުމުން، ކުރިން ރޭވި ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފިނަމަ މެއިންޓަނަންސަށް ހިނގާ ހަރަދު ބޮޑުވާނެތީ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބަދަލުތަކާއެކު މިހާރު ކުރެހުންތައް އެއްކޮށް ނިމިފައިވާ ކަމަށާއި، މި ހިނގާ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުން ލަސްވީ ކުރީގައި ޑިޒައިން ކުރިވަރަށްވުރެ ބޮޑުކޮށްފައި އަދި ކޮންކްރިޓް ސްޓްރަކްޗައަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި. އެހެންނަމަވެސް މިހާރު އެވަނީ ހަމަ އެ ކޮންޓްރެކްޓަރ އާއި މަޝްރޫއު ހަވާލުކުރެވިފައި. އަދި ނިންމަން ޖެހޭ ތާރީހަކަށްވެސް ބަދަލެއް ނާދޭ. އަޅުގަނޑު އުންމީދުކުރަނީ ހަމަ މި މަސްތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް" ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަސައްކަތް ލަސްވި ނަމަވެސް، މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވާ ތާރީހަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ވަޒީރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މި ސްޓޭޑިއަމަކީ ރާއްޖޭގެ ރާޅާ އެޅުންތެރިންނަށް ބައިނަލްއަގްވާމީ ފެންވަރުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މިއަދު އޮންލައިން