އެންމެ ގިނައިން ނަޞޭޙަތްތެރިވެވޭ އެއްކަމަކީ ކިތަންމެ ބޮޑަށް މީހަކު ދެކެ ލޯބިވީނަމަވެސް ކައިވެނީގެ ކުރިން ގައިގަ ބީހުނަ ނުދިނުމަށެވެ. ޢިއްފަތްތެރިކަން ނަގައި ނުލުމަށެވެ. އެހެންކަމާއިއެކުވެސް އެކަމަށް ސަމާލުކަން ނުދެވޭ ބައަކު އުޅެއެވެ. މަކަރުވެރި އަނިޔާވެރިންގެ މަޅިގައި ޖެހެވޭ ބައަކު އުޅެއެވެ. އެހެންކަމުން ފުރަތަމަ ކަމަކަށްވެސް ބުނަން އޮތީ އެކަން އިޞްލާޙްކުރުމަށެވެ.
ފިރިހެނުންނަށް ބުނެލަން އޮތީ ލޯބިވެގެން އުޅެމުން އަންހެނުންނަށް ލަނޑުދީފައި (ދަރިއަކުދީފައި) ފިލައިގެން ގޮސް އަބަދު އުފަލުގައި ދިރިއުޅެވޭނެކަމަށް ހީނުކުރާށެވެ. އަނިޔާ ފަހަތުން އައިސް އަރައިހަމަކުރާނެއެވެ. އެކަމުން އެމީހަކަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބޭނެ ގޮތަށެވެ. އެންމެ ހިތްދަތިވާނެ ވަޤުތުގައެވެ.
ތިރީގައިވާ ވާހަކައަކީވެސް އެފަދަ ގޮތަކަށް ކަންކަން މެދުވެރިވި މީހެއްގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ!
އޭނާއަށް ފުރަތަމަ ދަރިފުޅު ލިބުނީ ކައިވެނީގެ ބޭރުންނެވެ. ލޯބިވެގެން ކަމަށް ހެދިގެން އުޅެނިކޮށް ބަލިވެ އިންނައިރަށް ފިލީއެވެ. ދަރިފުޅު ބަލައި ބޮޑުކުރީ ވަރަށް ބުރަ މަސައްކަތުން މަންމަ އެކަންޏެވެ.
ލިބުނު މާޔޫސްކަމުގައި އެކަނިވެރި މައެއްގެ ގޮތުގައި އިނދެ ދަރިފުޅު ބަލަމުން ގޮސް ކުއްޖާ ބޮޑުވެ 16 އަހަރުގައި އޭނާގެ ބައްޕަގެ ވާހަކައިން ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން މަންމައަށް ޖެހުނީ ކަންކަން ހިނގި ގޮތް ކިޔައިދޭށެވެ. އެހިސާބުން ކުއްޖާ ބޭނުންވީ ކޮންމެގޮތަކުން ނަމަވެސް ބައްޕައާއި ބައްދަލުކޮށް މަންމަ ދައްކަނީ ތެދުވާހަކަކަން ޔަޤީންކުރާށެވެ. އެކަމަކަށް މަންމަ ހުރަހެއް ނާޅައެވެ.
ހަފްތާ ބަންދެއްގައި ދަބަހަކަށް 2 ހެދުން ލައިގެން ކުއްޖާ ބައްޕަ އުޅޭގެއަށް ދިއައިރު ބައްޕަ ދިރިއުޅެނީ ދޮންމަންމަ އާއިއެކުގައެވެ. ކުޑަ ކޮއްކޮއަކުވެސް ހުއްޓެވެ. ކުއްޖާ އެއްވެސް ޖެހިލުމެއް ނެތި އަމިއްލައަށް ތަޢާރަފްވިއެވެ. އެކަން ދޮންމަންމައަށްވީ ވަރަށް ބޮޑު ޙައިރާން ކަމަކަށެވެ.
ބައްޕަ ދަރިފުޅާއި ވާހަކަދެއްކީ ވަރަށް ހަރުކަށި ގޮތަކަށެވެ. ކުއްޖާ ވާހަކަ ދެއްކީ ވަރަށް އަދަބުވެރިކަމާއިއެކުގައެވެ. ބައްޕަ އެގޮތަށް ވާހަކަ ދެއްކުމުންވެސް ދޮންމަންމަ ކުއްޖާއަށް މަރުޙަބާކިޔެވެ. އަދި ކުއްޖާ ބޭނުންވިފަދައިން އެގޭގައި ބެހެއްޓިއެވެ.
އަނެއްދުވަހު މެންދުރު ކައިނިމިގެން ބައްޕަ ދަރިފުޅާ ދިމާއަށް ބުންޏެވެ. "މާދަމާ މިއުޅެނީ ކައިރިރަށަކަށް ދާށެވެ." ދަރިފުޅު ބުނީ އޭނާ އަބަދުވެސް ހުންނަނީ ރަށަކަށް ދެވޭނެ ދުވަހެއްގެ އުންމީދުގައި ކަމަށެވެ. ދެން ބައްޕަ ބުނީ ދާން މިއުޅެނީ ދޮންމަންމަ އާއި ކޮއްކޮ ގޮވައިގެން ކަމަށާއި އެނބުރި އަވަހަށް ގެއަށް ދިއުމަށެވެ. އަދި ބައްޕަ ގާތަށް ނައުމަށެވެ.
ކުއްޖާގެ ލޮލުން އެވަގުތު ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. ނަމަވެސް އަނގައިންވެސް ނުބުނެ ތެދުވެގެން ގޮސް ގެންދިއަ ދަބަސް ހިފައިގެން ނުކުމެގެންދަމުން ބުންޏެވެ. "އައި ބޭނުން ކިތަންމެ ރަނގަޅަކަސްވެސް ފުދިއްޖެއެވެ. ދެން މިދަނީއެވެ. ތިއައީ ހަމަ މަންމަ ބުނިފަދަ ނުބައި ނުލަފާ އަހަރެންގެ މައްޗަށް ވެސް އެއްވެސް ރަޙުމެއް ނެތް މީހެކެވެ. ޢުމުރަށް ސަލާމެވެ."
ކުއްޖާ ނުކުމެގެން ދިއުމުން ދޮންމަންމަވެސް ކޮޓަރިއަށްވަދެ އިރުކޮޅަކު އުޅެފައި ނުކުމެ ބުންޏެވެ. "ކަލެއަކީ އެއްވެސް އިންސާނަކަށް ކުޑަވެސް ރަޙްމެއް ހަމްދަރުދީއެއް ހުރި މީހަކު ނަމަ ހަލާލަސް ނަހަލާލަސް އަމިއްލަ ލޭ ހިނގާ ދަރިއަކާއިމެދު ތިއަހާ އަނިޔާވެރިކޮށް ކަންތަކެއް ނުކުރާނެއެވެ. މިގޭގައި ތިއަ އުޅެނީ އަހަރެންގެ ތަނަވަސްކަމުގެ ފައިދާލިބޭތީއެވެ. އުޅެން ފަސޭހައަށެވެ. މާދަމާ އަހަރެމެން ދެމައިންވެސް ޙާލެއްގައި ޖެހިއްޖެނަމަ ކަންތައް ކުރާނީ އަހަރެމެން ދެމައިންގެ ކުރިމަތީގައި ހަމަ ދެންމެ ތިއަ ކަންތައް ކުރި އުޞޫލުންނެވެ. ކަލޭކަހަލަ އަނިޔާވެރިއަކާއެކު އިތުރަށް އެންމެ ހިނދުކޮޅަކުވެސް އުޅޭކަށް ބޭނުމެއް ނޫނެވެ. ހަމަ މިހާރު އަހަރެން ވަރިކޮށްފައި މިގެއިން ނުކުމެގެންދާށެވެ. އެންމެ ހިނދުކޮޅަކުވެސް މިގޭގައި ހުރެގެން ނުވާނެއެވެ."
އެގެއިން ބޭރުކޮށްލުމުން ފޮށިހިފައިގެން ދިއައީ ދޮށީދަރިފުޅުގެ މަންމަގެ ގެއަށެވެ. ގޮސް ބެލް ޖެހުމުން ހުޅުވީ ދަރިފުޅެވެ. އެވަގުތު މަންމަވެސް އެތަނަށް އައެވެ. މިއައީ ދަރިފުޅު ދެކެ ލޯބިން ދަރިފުޅާއެކު އުޅެނަކަމަށް ބުނުމުން ދަރިފުޅު އެވާހަކަ ޤަބޫލެއް ނުކުރިއެވެ. ބުނީ އަހަރެން ދެކެ ތިހާ ލޯބިވާ މީހަކު އަހަރެން ރޮއިރޮއި ހުއްޓާ ގެއިން ބޭރުނުކުރާނެ ކަމަށެވެ. އަދި އޭނާގެ މަންމައަށް ބުނީ "މިނުބައި ނުލަފާ މީހާ އެއްގޮތަކަށްވެސް މިގެއަށް ވައްދައިގެން ނުވާނެ ކަމަށެވެ."
ޙަޤީޤަތުގައި މިވީ ގޮތަކީ ބޮޑުސިއްރު ފަޅާއެރުމުން ދެންވެސް އަނބިމީހާ ރުއްސޭނީ އެދަރިފުޅަށް އަނިޔާވެރިވެ ބޭރުކޮށްލުމުންކަމަށް ޤަބޫލުކުރެވިގެން އެގޮތަށް ކަންތައް ކުރީއެވެ. ފިރިމީހާގެ ޢަމަލުތަކަށްބަލައި އަނބިމީހާ ފުރަތަމަވެސް އަޅަންބޭނުންވި ފިޔަވަޅު އެކަމުގެ އެންމެ ރަނގަޅު ވަޤުތުގައި އެޅީއެވެ.
ޙަޤީޤަތަކީ ލޯބިވެގެން ކަމަށް ހެދިގެން އަންހެނުންނަށް ލަނޑުދީ އަނިޔާވެރިވެ އުޅޭ މީހުންނާއި ދުނިޔޭގައިވެސް އެކަން އަރާހަމަކުރާނެތީ ޖެއްސި "އެކްޓް" ނުއަތަށް ފުރޮޅި ބާކީވީކަމެވެ. ހުރިހާ ކޮޅަކުން ގެއްލުން ލިބުނީއެވެ. މަގުމަތިވީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިއީ ސޯޝަލް މީޑިއާއިން އަޅުގަނދުކިޔާފައިވާ ވާހަކައެކެވެ. މިއީ ކޮން ތަނެއްގައި ހިނގި ކަމެއްކަމެއް ނުއެނގެއެވެ. މިއީ ކޮންމެ ތަނެއްގައި ހިނގާފައި އޮތް ކަމެއް ނަމަވެސް މިއީ ވަރަށް އިބްރަތްތެރި ފިލާވަޅެވެ. ޚާއްޞަކޮށް ނިކަމެތި އަންހެންކުދިންދެކެ ލޯބިވާކަމަށް ހެދިގެން ލަނޑުދެމުން ދުވާ ފިރިންނަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ.
- ލާމި / މިއަދުނޫހުގެ ކިޔުންތެރިއެއް