އެއީ ބައްޕައެއްގެ އެހީތެރިކަމެއް ނެތި މަންމަގެ އެކަނި މަސައްކަތުން ގެންގުޅެ ބޮޑުކުރި ދަރިއެކެވެ. ޢުމުރުން 8 އަހަރުން ފެށިގެންނެވެ. ފިރިމީހާ އޭނާއާއި ވަކިވެގެން ދިއުމުން ދަރިފުޅަށް ކިޔަވައިދީ ކަންކަންކުރީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ.
ދަރިފުޅު ބޮޑުވެ ވަޒިފާއަދާކުރަން ފެށިތަނުން ތަނަވަސް އަންހެނަކު އޭނާއަށް ޝައުޤުވެރިވުމުން ދެމީހުން ގުޅުނެވެ. އޭނާގެ ހުރި ނިކަމެތިކަން ބަޔާންކޮށްދީފިނަމަ ލޯބިވެރިޔާ ގެއްލިދާނެކަމަށް ވިސްނައި ލޯބިވެރިޔާގެ ގާތުގައި ބުނީ ބައްޕަ ވީތަނެއް ނުއެނގޭކަމަށާއި މަންމަވަނީ ނިޔާވެފައިކަމަށެވެ. އުޅެނީ އެކަނި ކަމަށެވެ. އެއީ މުސްކުޅި މަންމައެއް އިންކަން އެނގިއްޖެނަމަ ދެމީހުންގެ ގުޅުން ކެނޑިދާނެ ކަމަށްޓަކައެވެ.
ދެމީހުންގެ ގުޅުން ކުރިއަށްދަމުންގޮސް ކައިވެނިކުރެވޭ ހިސާބަށް ގޮސްފައި ހުއްޓާ އަންހެން ކުއްޖާ ބުނެވެސް ނުލައި ލޯބިވެރިޔާ އުޅޭ ގެއަށް ދިއައެވެ. އޭނާގެ ދިރިއުޅުން ހުރިގޮތް ލޮލުންދެކެލުމަށެވެ. ފަޤީރު ޙާލުގައި އުޅުނަސް ޝަކުވާކުރާކަށް ނޫނެވެ.
ގެއިން ބައްދަލުވީ މަންމައާއިއެވެ. މަންމައާއި ސުވާލުކޮށްލުމުން ދަރިފުޅުގެ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އެކަނިމާއެކަނި ދަރިފުޅު ގެންގުޅެންވީ ޤުރްބާނީވެސް ކިޔައިދިނެވެ. އަންހެންކުއްޖާ ދިއައީ ތިއަ މަންމައަށް އަބަދުވެސް އެހީތެރިވާނެ ކަމަށް ބުނެފައެވެ.
ފިރިހެން ކުއްޖާގެ ފޯނަށް ލިބުނީ މެސެޖެކެވެ. "ދެމީހުންގެ ލޯބީގެ ގުޅުން މިހިސާބުން ނިމުނީއެވެ. އެއީ ތިމާގެ މަންމަ ފަދަ ރަނގަޅު މަންމައަކު މަރުވެފައިވާ ކަމަށް ބުނަންކެރުނު މީހަކު ތެދެއް ނުހަދާނެތީއެވެ. ކިތަންމެ ބޮޑު ދޮގެއް ހަދަންވެސް ޖެހިލުން ނުވާނެތީއެވެ. އެކަމަކު އަހުރެން ތިބާގެ މަންމައަށް ހެޔޮކޮށްހިތާނަމެވެ."
މެސެޖްލިބުމުން ވަރަށް ދެރަވެހުރެ ގެއަށްގޮސް މަންމައާއި ބައްދަލުކޮށް ސުވާލުކުރުމުން ލޯބިވެރިޔާ އައިކަމާއި ދެކެވުނު ވާހަކަތައް ކިޔައިދިނުމުން ބުނެވޭނެ އެއްޗެއް ނެތެވެ. މަންމަ އެއްވެސް ކުށެއް ނުކުރެއެވެ. ހުރިހާ ކުށެއް ކުރެވުނީ އޭނާއަށެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މަންމަ ދިރިހުއްޓައި މަރައިނުލާށެވެ! އެއީ ކުރަްނ ހެޔޮވާނެ ކަމެއް ނޫނެވެ. އެކަން އެމީހަކާއި ބައްދަލުކުރާނެ ގޮތް ނުވެސް އެނގޭނެކަން މިޙާދިސާއިން އެކަނިވެސް އެނގޭނެއެވެ. ދެން ބުނެލަން ބޭނުންވަނީ ތިމާގެ ޙަޤީޤަތް އޮޅުވައިނުލާށެވެ. ތިމާގެ އަޞްލަށް ތިމާ ޤަބޫލުނުކުރާނެ މީހަކާއި ގުޅެން ނުވިސްނާށެވެ. ތިމާދެކެ ލޯބިވާނަމަ ތިމާގެ ޙަޤީޤަތަށް ރުހޭނެއެވެ.
އެޒުވާނާގެ ޙަޤީޤަތް ތެދަށް ކިޔައިދިންނަމަ ލިބެން އޮތް އުފާވެރި ދިރިއުޅުން ގެއްލިގެން އެދިއައީ ޙަޤީޤަތް ފޮރުވަން ކުރި މަސައްކަތުންނެވެ. ހެދުނު ބޮޑުދޮގުންނެވެ.
- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ