ލޯތްބާ ކުރާނެވަރަކަށް ޚަރަދުކުރަން އަނބިމީހާ ފައިސާދޭއިރުވެސް ހިތް ނުފުރިގެން ލޯބިވެރިއަކު ހޯދައި އަނބިމިހާގެ ތަނަވަސްކަން ވަގަށް ނަގައިގެން ފިލަން އުޅުނު މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 48ސ
ލޯތްބާ ކުރާނެވަރަކަށް ޚަރަދުކުރަން އަނބިމީހާ ފައިސާދޭއިރުވެސް ހިތް ނުފުރިގެން ލޯބިވެރިއަކު ހޯދައި އަނބިމިހާގެ ތަނަވަސްކަން ވަގަށް ނަގައިގެން ފިލަން އުޅުނު މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަޅުގަނޑުގެ ސުވާލު އަމާޒުމިކުރަނީ އަންހެނުންނަށް ނުވަތަ ފިރިހެނުންނަކަށް ނޫނެވެ. ބައިވެރިޔާގެ ކިބައިން ލޯތްބާއި އަދި ފުދުންތެރިކަން ލިބޭއިރުވެސް ލަނޑުދޭ އެންމެންނަށެވެ. އެމީހުންގެ ހިތް ހަމަ ނުފުރެނީ ހެއްޔެވެ؟ ދުވަހަކު އެހިތް ފުރޭނެ ހެއްޔެވެ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެފަދަ މީހުންގެ ހިތް ދުވަހަކުވެސް ނުފުރޭނެ ކަމަށެވެ.  

ތިއަފަދަ މައްސލަތައް ގިނަވެ ލޯބީގެ ވާހަކަދައްކަން ފެށުމުން ބައެއް މީހުން އަޑުއަހަންވެސް ބޭނުމެއް ނުވެއެވެ. ބުނަނީ އެއީ އަމިއްލަ އެދުމާއި މަކަރުހެދުމަށް ކިޔާ ދެވަނަ ނަމެއް ކަމަށެވެ. އެހެން ކޮންމެވެސް ވާހަކައެއް ދެއްކުމަށެވެ. މިއީ ކިހައި ހިތާމަހުރިކަމެއްހެއްޔެވެ؟

އެގޮތަށް އެބުނަނީ ކަންކަންވެފައި ހުންނަ ގޮތުންނެވެ. ލޯބިވެގެން އުޅެފައި ކުރަންޖެހޭ ތަޖުރިބާތައް ހިތިވާތީއެވެ. ނަތީޖާއެއްގެ ގޮތުން ލޯބި ދެކެވެސް ފޫހިވެވެނީއެވެ. މިއީ ކިތަންމެ ބޮޑު ދެރަކަމެއް ނަމަވެސް ގިނަ ބައަކަށް އެކަން އަންނަނީ މެދުވެރިވަމުންނެވެ.  

ތިރީގައިވާ ޙާދިސާއަކީވެސް އެކަމުގެ ޖެއްކަކަށް ފުދޭނެއެވެ.

އަނބިމީހާގެ ތަނަވަސްކަމުގައި އުފަލުގައި ދިރިއުޅެމުން އައި ޢާއިލާއެކެވެ. ފިރިމީހާއަކީ އެއްވެސް ތަނަވަސްކަމެއް ލިބިފައިވާ މީހެއް ނޫނެވެ. ދެމަފިރިންނާއި ދެ ފިރިހެންދަރިންނެވެ. ދެބެއިން ފީކޯއިކުޅެން އުޅުމުގެ ތެރޭގައި ކޮއްކޮ އޮތީ މަންމަމެން ނިދާ އެނދުދަށަށްވަދެ ފިލައެވެ. 

ކުއްލިއަކަށް ބައްޕަ އައިސް ކޮޓަރިއަށް ވަދެ ފޯނުން ވާހަކަދައްކަން ފަށައިފިއެވެ. "އަންނަ ބުރާސްފަތި ދުވަހު ފުރަން ޓިކެޓްވެސް ނަގައިފީމެވެ. ރަނގަޅު ޢަދަދެއްގެ ފައިސާވެސް ގެންދެވޭނެ ގޮތަށް މިހާރުވާނީ ހަމަޖައްސައިފައެވެ. ކުރިއަށް އޮތީ ތިއަ އެދޭ އުފާވެރި ދުވަސްތަކެވެ."

ފޯނު ކަނޑައިލިތަނުން ދަރިފުޅު އެނދުދަށުން ނުކުމެ ސުވާލުތައް ކުރަން ފަށައިފިއެވެ. ބައްޕަ ބުނީ ދާން މިއުޅެނީ ވަރަށް ރީތި ރަށަކަށް ކަމަށެވެ. "މޫދުވެސް ވަރަށް ރީތިވާނެ! ކޮންމެ ދުވަހަކު މޫދަށް އެރި ފަތާވެސް ލެވޭނެ. ދަރިފުޅުވެސް ގޮވައިގެން ދާނީ. އެކަމަކު ބޭބެ ބަހައްޓާނީ. ބޭބެގާތުވެސް މަންމަ ގާތުގަވެސް މިވާހަކަ ނުދައްކާތި! ބުނެފިއްޔާ ދަތުރަކު ނުދެވޭނެ!"

ދަރިފުޅު ހުރީ އެހައި ރީތި ރަށަކަށް ދެވޭތީ ވަރަށް އުފަލުންނެވެ. އެހެންވެ މަންމަ ގާތަކުވެސް ބޭބެ ގާތަކުވެސް ނުބުނެއެވެ. ބުރާސްފަތި ދުވަސް އަތުވެއްޖެއެވެ. ދަތުރުދާހިތުން ހެނދުނު ހެނދުނާ ހޭލިއިރު ބައްޕަ ފިލައިފިއެވެ. އެހެންވެ ދެރަވެގެން ރޮވެން ފެށިތަނާ މަންމަ އައިސް ރޮނީ ކީއްވެގެންތޯ ސުވާލުކުރުމުން ވީގޮތް ކިޔައިދީފިއެވެ.  

އަވަސް އަވަހަށް ބޭންކަށް ގުޅިއިރު ވަގަށް ނަގަން އުޅުނު ފައިސާތައް އަދި ޓްރާންސްފަރއެއް ނުކުރެވެއެވެ. އެހެންވެ ވަގުތުން އޭނާގެ އެކައުންޓްތައް ފްރީޒްކުރިއެވެ. އެއިގެ ދެގަޑިއެއްހައިއިރުފަހުން ފިރިމީހާ އެނބުރި އައިސް ބުނީ ކުރަން އުޅުނު ދަތުރު ކުޑަކަމެއް ދިމާވެގެން އެހެން ދުވަހަކަށް ލަސްކޮށްލީ ކަމަށެވެ. ޙަޤީޤަތަކީ އެކައުންޓްތައް އަނބިމީހާ ފްރީޒްކުރީމާ ވައްކަން ނުކުރެވިގެން ފައިސާތައް ނުލިބުނީމާ އައި ރުޅީގާ ލޯބިވެރިޔާވެސް ގުޅުން ކަނޑާލައި ފިލީއެވެ. 

އަނބިމީހާ ބުނީ ފުރިޔަސް ނުފުރިޔަސް ދެން މިގެއަކު ނުބަހައްޓާނަމެވެ. ތިއަ އުޅުނީ އަހަރެންގެ އެކައުންޓުތަކުގަ ހުރި ފައިސާތައް ވަގަށް ނަގައިގެން ލޯބިވެރިޔާ ގޮވައިގެން ފިލަން ނޫންހެއްޔެވެ؟ އަވަހަށް މިތަނުންދާށެވެ. ދެން މިގެއަށް ނާންނާށެވެ. ދާނެ ތަނެއް ނެތްކަމަށް ބުނީމާ އަނބިމީހާ ބުނީ ވަންނާނެ ތަނެއް ނެތް މީހުން މަގުމަތީގައި އުޅުނީމާ ރަނގަޅުވާނެ ކަމަށެވެ.  

އެހިސާބުން ފިރިމީހާ އުޅުނީ ދަރިފުޅު ކުށްވެރިކުރާށެވެ. އަނބިމީހާ ބުނީ ކަލޭ އުޅުނީ މަށަށް ދޭން އުޅުނު ގޮތަށް ދަރިފުޅަށްވެސް ދޯކާދޭން ނޫންހެއްޔެވެ؟ ދެން މާގިނަ ވާހަކަތައް ނުދައްކައި އަވަހަށް މިތަނުންދާށެވެ! މާފަށް އެދުމުގެ ފުރުޞަތުވެސް މިހާރު ގެއްލި ނިމިއްޖެއެވެ.  

އަނބިމީހާގެ ތަނަވަސްކަން ވަގަށް ނަގަން ރޭވި ފިރިމީހާއަށް އެކަން ކާމިޔާބުނުކުރެވުނު ޙަޤީޤީ ސަބަބަކީ އަމިއްލަ އެދުން ބޮޑުކަމުން ކުޑަ ދަރިފުޅަށްވެސް ދޯކާދީފައި ފިލަން އުޅުނުކަމެވެ. ކުޑަދަރިފުޅަށް ދޯކާދިންކަން ވެގެންދިއައީ ދެދަރިންނާއި އަނބިމީހާއަށް ލެއްވެވި ރަޙްމަތަކަށެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ މިވާހަކައިން ލިބިގެންދާ ފިލާވަޅުގެ މުހިންމުކަން ބޮޑުކަމުންނެވެ.  

އަނބިމީހާއަކީ ތަނަވަސް މީހެކެވެ. ފިރިމީހާއަށް ނުހަނު އުފަލުގައި ތަނަވސްކަންމަތީގައި ދިރިއުޅެވެން އޮއްވައިވެސް އޭނާ އެބޭނުންވީ އަނބިމީހާއަށް ލަނޑުދީފައި ލޯބިވެރިޔާ އާއިއެކުގައި ފިލާށެވެ! މިބާވަތުގެ ކަންކަން ކުރާ މީހުން ކުރަން ޖެހިލުންވާނީ ކޮންކަމެއް ހެއްޔެވެ؟ ދެވަނަ ކަމަކަށް އޭނާގެ ދެދަރިންގެވެސް އެއްވެސް މުހިންމު ކަމެއް އޭނާއަކަށް ނެތެވެ. ހުރިހާވެސް މުހިންމު ކަމަކަށް އެހެދީ ލޯބިވެރިޔާއެވެ. އަނބިމީހާގެ ފައިސާތައް ވަގަށް ނެގީމާ އެކަމުން ހުރިހާ ދެރައެއް ލިބޭނީ ތިމާގެ ދެދަރިންނަށްކަންވެސް ވިސްނައެއް ނުލިއެވެ.  

އަޅެފަހެ އިންސާނުންނަށް މިއަދު މިތިބީ ކޮންގޮތެއްވެފައިހެއްޔެވެ؟ ﷲ އަށް ބިރުވެތިކަމެއް ނެތެވެ. އަންތބެއް ދަރިއަކަށް އެއްވެސް ވަރެއްގެ ލޯތްބެއް ރަޙުމެއް ކުލުނެއް ނެތެވެ. ސުބްޙާނަﷲ.

 

- އަޒްލިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން