ސުކޫކް ދައްކާފައިވަނީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކު ކަމަށާއި، އެކަމުގެ ސަބަބުން ލިބޭނެ ފައިދާތައް މެދުރާސްތާގައި ފެނިގެންދާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ރާއްޖެއިން މިހާތަނަށް ދައްކަން ޖެހުނު އެންމެ ބޮޑު ދަރަނި މިމަހުގެ 2 ވަނަ ދުވަހު ދިވެހި ސަރުކާރުން ވަނީ ދައްކައި ޚަލާސްކޮށްފައެވެ.
މި ދަރަންޏަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކެކެވެ. މި ސުކޫކުގެ މުއްދަތު މި އެޕްރީލް މަހަށް ހަމަވާއިރު، އެއް ފަހަރާ މިހާ ބޮޑު އަދަދެއް ދެއްކިދާނެ ކަމާމެދު މީގެ ކުރިން ބޮޑެތި ކަންބޮޑުވުންތަކެއް އޮތެވެ. ނަމަވެސް، ޖުމްލަ 8.1 ބިލިޔަން ރުފިޔާގެ މި ދަރަނި އެއްފަހަރާ ދައްކައި ޚަލާސް ކުރުމާއެކު، ރާއްޖެއިން ދައްކަން ޖެހޭ ބޭރު ދަރަނީގެ ނިސްބަތް މިހާރު ވަނީ ކުޑަވެފައެވެ. ސަރުކާރުން ފާހަގަކުރި ގޮތުގައި މި ދަރަނި ދައްކާފައިވަނީ އިތުރު ދަރަންޏެއް ނުނަގައެވެ.
މެދު އިރުމަތީގެ ހަނގުރާމައާއި ގުޅިގެން އުފައްދަވާފައިވާ ވަޒީރުންގެ ފެންވަރުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑު ސަމާލުކަމެއް ދެމުން އައީ މި ދަރަނި ދެއްކުމުގެ ކަންތައްތަކަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ރާއްޖެ އޮތް އިޤްތިޞާދީ އަނދަވަޅުން ނަގައި، ދަރަނި ދެއްކުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދަރަނި ދެއްކި ވަގުތަކީ ބޭރުގެ ހަނގުރާމައެއް ހިނގަމުންދާ ވަގުތަކަށް ވުމުން، މިކަމުގެ ސީދާ ފައިދާތައް ފެންނާނީ ހަނގުރާމައިގެ ހާލަތަށްފަހު ކަމަށެވެ. "އިރާދަކުރެއްވިއްޔާ މި ހަނގުރާމަ ނިމިގެންދާއިރު އޭގެއިން ވާނެ ފައިދާތައް މެދުރާސްތާގައި އިރާދަކުރެއްވިއްޔާ، ދަރަނީ ނިސްބަތް ކުޑަވެގެން ދިއުމާއިއެކު ލިބޭނެ ފައިދާތައް ހުންނާނެ. އިރާދަކުރެއްވިއްޔާ އެދުވަސް މާލަހެއް ނުވެ ފެނިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް އެއްވެސް އޭޖެންސީއަކުން ރޭޓިންއަށް ބަދަލު ގެނެސްފައި ނުވަނީ ދުނިޔޭގެ މަސްރަޙުގައި އޮތް ނުތަނަވަސްކަން ބޮޑުވުމުން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ މާލީ ހިސާބުތަކާއި ކުރިއަށް ލަފާކުރާ ގޮތްތައް އެ ފަރާތްތަކާ ޙިއްސާކޮށްފައިވާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.