ފުލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ސްކީމްތަކުގެ މުއްދަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ފުލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ސްކީމްތަކުގެ މުއްދަތު އިތުރުކޮށްފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ އެކި ސްކީމްތަކުގެ މުއްދަތު އިތުރުކޮށްފި އެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ވަނީ މިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އިން އިއުލާން ކޮށްފައިވާ ބޯހިޔާވަހިކަމާއި ގުޅޭ ސްކީމްތަކާއި ކެޓަގަރީތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 23:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ. މިއީ ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.

މި މުއްދަތު އިތުރުކޮށްފައިވާ ސްކީމްތަކުގެ ތެރޭގައި ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫޢުން ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓު ޙަވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހަޅާ ޚާއްޞަ ކެޓަގަރީ ހިމެނެއެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ ކެޓަަގަރީ އާއި "ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ ކެޓަގަރީތަކަށް ވެސް ވަނީ މުއްދަތު އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ އާއި، ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވީ ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ ހިމެނެއެވެ.

ހަމައެއާއެކު "ގޯތިގެދޮރު" ޕުރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ކެޓަގަރީއަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ މެއި މަހުގެ ނިޔަލަށް ހުޅުވާލެވިފައެވެ. މި ސްކީމްތަކަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ.

މިއަދު އޮންލައިން