ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި ބާއްވަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި ބާއްވަން ނިންމައިފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ޙުކުމްކޮށްފައިވާތީ، އެ ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން 2026 ޖޫން 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ. މިއާއެކު އެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން އޭޕްރިލް މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު މި މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވޭނެ ކަމަށްވެސް އެ ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ) އަށް ހާޒިރުވެގެންވެސް ފޯމު ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ކޮމިޝަނަށް ހާޒިރުވެގެން ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު ނަމަ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ފޯމު ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މިއަދު އޮންލައިން