ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވަން ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވަން ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިތުރު 34 ސަރަޙައްދެއް ކަނޑައަޅަން އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާވައިގެން ފަލަސްތީނުގެ ބިންތައް އަތުލުމާއި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް އިސްރާއީލުން ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަމަށެވެ.

މި ބަޔާނުގައި އިސްރާއީލުން ހިންގާ ގާނޫނާ ޚިލާފު ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ޒިންމާ އަދާކޮށް، އިސްރާއީލު ޖަވާބުދާރީކުރުވުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. ސަރުކާރުން ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާނެކަން ފާހަގަކޮށްފައެވެ.

ދިވެހި ސަރުކާރުން ވަނީ ރާއްޖެއިން އަބަދުވެސް ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ލިބުމަށާއި، އެ މީހުންގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް ވަކާލާތު ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. މިގޮތުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަށް އަބަދުވެސް ރާއްޖެއިން ގޮވާލާނެކަމަށް ޚާރިޖީ ވުޒާރާގެ ބަޔާން ނިންމާލަމުން ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން