ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިންގެ ބެލިނިވެރިކަމާ ހަވާލުވާ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަ ޗުއްޓީއެއް ދޭގޮތަށް ސިވިލް ސަރވިސްގެ ޤަވާއިދު އިސްލާހުކޮށްފިއެވެ. މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލީ މާހައުލަކަށް ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން ގެނެވުނު މުހިންމު ބަދަލެކެވެ.
މި ބަދަލާ ގުޅޭގޮތުން އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް މީގެކުރިން ވިދާޅުވެފައިވަނީ، ފޮސްޓަރކުރާ އާއިލާތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް މިމަހު ހަމަޖެހިގެންދާނެ ކަމަށެވެ. މިހާރު ވަނީ އެކަން ރަސްމީކޮށް ހަމަޖައްސައި، ސިވިލް ސަރވިސް ޤަވާއިދަށް އެ އިސްލާހު ގެނެސްފައެވެ.
ސިވިލް ސަރވިސް ޤަވައިދަށް ގެނައި އިސްލާޙްގައިވާ ގޮތުން، ފޮސްޓަރ ނިޒާމުގެ ދަށުން ކުދިންނާ ހަވާލުވާ މުވައްޒަފުންގެ އިތުރުން، މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ކުއްޖާއާމެދު އިހުމާލުވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށްފަހު، އެ ކުދިން ބެލެހެއްޓުމަށް ދައުލަތުން ހަވާލުކުރާ މުވައްޒަފުންނަށް ވެސް މި ޗުއްޓީ ލިބޭނެއެވެ.
ޗުއްޓީ ދިނުމުގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ކުއްޖާއާ ހަވާލުވާ ވަގުތު ކުއްޖާގެ އުމުރުން 6 މަސްދުވަސް ނުފުރޭނަމަ، ކުއްޖާއަށް 6 މަސްދުވަސް ހަމަވަންދެން މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ޚާއްޞަ ޗުއްޓީއެއް ލިބޭނެއެވެ.
އަދި ކުއްޖާއާ ހަވާލުވާއިރު ކުއްޖާގެ އުމުރުން 6 މަސްދުވަސް ފުރިފައިވާ ނަމަ، ނުވަތަ 6 މަސްދުވަސް ފުރެން އޮތީ 30 ދުވަހަށް ވުރެ ކުރު މުއްދަތެއް ނަމަ، މުސާރައާއި އިނާޔަތްތަކާއެކު 30 ދުވަހުގެ ޗުއްޓީއެއް އެ މުވައްޒަފަކަށް ލިބިގެންދާނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.