މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %19 އިތުރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ސަޢީދު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީން މާރޗް މަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 13.6 ބިލިޔަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި 16.2 ބިލިޔަން ރުފިޔާގެ މުދާ ރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ. މިއީ ބާޒާރުގެ ޑިމާންޑަށް ބަލާއިރު އައިސްފައިވާ ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ޖަނަވަރީ 2024 އިން މާރޗް 2024 އަށް ރާއްޖެއަށް އިމްޕޯޓްކުރި މުދަލަށް ބަލާއިރު 13.6 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކުރި. މިއަހަރުގެ މި މުއްދަތުގައި 16.2 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައި އެބަވޭ. އެހެންވީމަ އިމްޕޯޓަށް ބަލާއިރު %19 އިތުރުވުމެއް އެބައިން،" ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް މުދާ ގެނައުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ކޮންޓެއިނަރުތައް ގެނައުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި ލަންކާގައި 4,241 ކޮންޓެއިނަރު ހުރި ނަމަވެސް، މި ހަފްތާގައި އަންނަ ބޯޓުތަކާއެކު އެ އަދަދު 1,741 އަށް ދަށްވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ތިން މަސްދުވަހަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓްތައް ގެނައުމަށް ބޭނުންވާ ޝެޑިއުލް ދަތުރުތައް މިހާރު ވަނީ ހަމަޖެހިފައެވެ.