އައު އުސޫލުގެ ދަށުން ކޯސްތައް އެކްރެޑިޓް ނުކޮށްފިނަމަ ބާޠިލުވާނެ ކަމުގެ އިންޒާރު އެމްކިއުއޭއިން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
އައު އުސޫލުގެ ދަށުން ކޯސްތައް އެކްރެޑިޓް ނުކޮށްފިނަމަ ބާޠިލުވާނެ ކަމުގެ އިންޒާރު އެމްކިއުއޭއިން ދީފި

"ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން" އާ އެއްގޮތަށް މަތީ ތަޢުލީމުދޭ ގިނަ މަރުކަޒުތަކަކުން އަދިވެސް ޕްރޮގްރާމްތައް އެކްރެޑިޓްކޮށްފައި ނުވާތީ، ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކޯސްތައް އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އަންގައިފިއެވެ. އެ އޮތޯރިޓީން ބުނީ ކަނޑައަޅާފައިވާ ތާރީޚަށް އެކްރެޑިޓް ނުކޮށްފިނަމަ، އެ ކޯސްތައް ބާޠިލުވާނެ ކަމަށެވެ.

އެމްކިއުއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ، އައު އުސޫލުގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކުރިން އެޕްރޫވަލް ހޯދާފައިވާ ޕްރޮގްރާމްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަންޖެހޭ ކަމަށެވެ. ނަމަވެސް ބައެއް މަރުކަޒުތަކުން ހިންގަމުންދާ ޕްރޮގްރާމްތަކަށް އައު ގައިޑްލައިންގެ ދަށުން އެކްރެޑިޓޭޝަން ހޯދުމަށް އެއްގޮތަކަށްވެސް ހުށަހަޅާފައި ނުވާކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެމްކިއުއޭއިން ބުނީ، މިފަދަ މަރުކަޒުތަކާއެކު މިއަހަރުގެ ތެރޭގައި ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރި ނަމަވެސް، ބައްދަލުކުރެވިފައިވަނީ ވަރަށް މަދު މަރުކަޒުތަކަކާ ކަމަށެވެ. އަދި މީގެ ތެރެއިން 30 ވަރަކަށް މަރުކަޒަކުން ދީފައިވާ އީމެއިލް އަދި ފޯނު ނަންބަރު މެދުވެރިކޮށްވެސް ގުޅޭގޮތް ނުވެފައިވާ ކަމަށް އެ އޮތޯރިޓީން މަޢުލޫމާތުދެއެވެ.

އެމްކިއުއޭއިން ވަނީ އެކްރެޑިޓޭޝަންގެ މަސައްކަތް ނުނިންމާ ހުރި މަރުކަޒުތަކުން، އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ މަޢުލޫމާތުތައް ހުށަހެޅުމަށް އަންގާފައެވެ. "އައު ގައިޑްލައިންގެ ދަށުން ހުއްދަ ނުނަގާނަމަ، 22 އޮކްޓޫބަރު 2027 އިން ފެށިގެން އެފަދަ މަރުކަޒުތަކުން އެކްރެޑިޓޭޝަން ނުހޯދާ ހިންގާ ކޯސްތައް ބާޠިލުވާނެ،" އެމްކިއުއޭގެ އެންގުމުގައި ބަޔާންކޮށްފައިވެއެވެ.

މި ފިޔަވަޅަކީ ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި، ހުރިހާ މަރުކަޒުތަކަކުންވެސް އެއް މިންގަނޑަކަށް ޢަމަލުކުރަމުންދާކަން ކަށަވަރުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން