ހުޅުމާލެ ފޭސް 3 އިން ގޯތި ހަވާލުކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 100 އަށްވުރެ ގިނަ ބިން އިންވަކިކޮށް ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ސަރަޙައްދުން ބިން ހަވާލުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
ނިމުނު ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން ބިން ދޫކުރިއިރު، އެ ސަރަހައްދު އޮތީ ނުހިއްކައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ގޮތުގައި އެ ސަރަޙައްދުން 63 ހެކްޓަރުގެ ބިން ހިއްކައި، ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ހުޅުމާލެ 3 ވަނަ ފިޔަވަހިން ޖުމްލަ 698 ބިން ވަނީ ކަނޑައަޅާފައެވެ. އެ ސަރަޙައްދުން ގޯތި ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ބާރުސްޕީޑުގައި ކުރިއަށްދަމުންނެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން 451 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި އެ ފަރާތްތަކާ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 125 ބިމެއް މިހާތަނަށް ވަނީ އިންވަކިކޮށް ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.
މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ބިން ހަވާލުކުރުމުގެ ކަންކަން ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.