ސުކޫކް ދެއްކުމަކީ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ދިޔަ ކަމެއް: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ސުކޫކް ދެއްކުމަކީ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ދިޔަ ކަމެއް: ވަޒީރު ސަޢީދު

ސުކޫކް އަނބުރާ ދެއްކުމަކީ ރާއްޖެއަށް އިންވެސްޓް ކުރަން ތިބި ފަރާތްތަކާއި އިންވެސްޓްކުރާނެ ފަރާތްތަކުގެ އިތުބާރު ބޮޑުވެގެން ދިޔަ ކަމެއް ކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ބޭރުގެ ނޫސްތަކުންވެސް މިކަން ރިޕޯޓްކުރީ ދިވެހިރާއްޖެއިން ހޯދި ކާމިޔާބީއެއް ގޮތުގައި ކަމަށެވެ.

2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް ސަރުކާރުން ކުރި މަސައްކަތް ފާހަގަކޮށް، ވަޒީރު ސައީދު ވިދާޅުވީ މިއީ ދިވެހި އިޤްތިޞާދަށްވެސް ލިބުނު ކާމިޔާބެއް ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސާޢިދު ވިދާޅުވީ ސުކޫކް އަނބުރާ ދެއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވިއިރު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަންތައް ކަމަށެވެ.

އަވަށްޓެރި ލަންކާއަށް ދިމާވި ހާލަތާއި ގުޅުވައި ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް ބޭރުގެ ނޫސްތަކުގައި އެ ދުވަސްވަރު ރިޕޯޓްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ވޭތުވެދިޔަ 7 އަހަރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މިފަދަ ބޮޑު ދަރަންޏެއް އެއްފަހަރާ ދައްކަން ޖެހުންކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެ ދަރަނި ނުދެއްކޭނެ ކަމަށް ބުނަމުން ދިޔަ ފަރާތްތަކަށް މިހާރު ޖަވާބު ލިބިފައިވާކަމަށް ވިދާޅުވެ އިޤްތިޞާދީ ވަޒީރު ވިދާޅުވީ މިކަން އެންމެ ބޮޑަށް އެނގެން ބޭނުންވާނީ ދިވެހިރައްޔިތުންނާއި ރާއްޖެއަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތައް ކަމަށެވެ.

"ރާއްޖޭގައި އިންވެސްޓް ކުރުމަށް ތިބި އެތައް ބަޔަކު ކުންފުނިތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޔަޤީންކަން. އަދި ދިވެހިރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އިތުބާރެއްވެސްމެ. އޭގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނާއި ދިވެހި ވިޔަފާރިތައްވެސް ހިމެނޭ، ޖުމްލަކޮށް ރާއްޖެ ބަނގުރޫޓުނުވެ އަދާކުރަންޖެހޭ ދަރަންޏެއް އަދާ ކުރެވުނު ކަމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކާމިޔާބު." އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން